“ސްކިޕް” އެސްޓެސް ގެ ނަމުން މަޝްހޫރުވި، ޔޫސުފް އެސްޓެސް އުފަންވީ 1994 ވަނަ އަހަރު އޮހައިއޯގެ ކްރިސްޓިއަން އާއިލާއަކަމަށެވެ. އޭނާގެ އާއިލާއަކީ މިއުޒިކީ ދުނިޔެއެއްގައި އުޅެމުން ދިޔަ ބަޔެކެވެ. ޔޫސުފް ވަނީ 1960 ވަނަ އަހަރުގެ ކުރީކޮޅު މިއުޒިކީ ދާއިރާއިން ކިޔެވުން ފުރިހަމަކޮށް، މިއުޒިކް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
އޭނާ މަޝްހޫރުވެފައިވަނީ ގްރޭންޑްސްޓޭންޑް ހެދުމާއި ޓުއަރިން ރޯޑް ޝޯތަކުގައި ޕާފޯމް ކުރުމުގައެވެ. 1970 ވަނަ އަހަރު މިއުޒިކަށް ހާއްސަ ފިހާރައެއް ހުޅުވައި، މިއުޒިކުގެ އެހީ އާއި އެކު ކްރިސްޓިއަން ދީނުގެ މައުލޫމާތު މީހުންނަށް ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވިއެވެ.
ކްރިސްޓިއަން ދީނުގެ ކަންތައްތައް ހޯދާ ބަލާ، ކިޔަމުން އައި ޔޫސުފް ގެ ހަޔާތް ބަދަލުވެގެން ދިޔައީ 1991 ވަނަ އަހަރު، އޭނާގެ ބައްޕަގެ އެކުވެރި މިސްރުގެ މުސްލިމަކަށް އޭނާ ބައްދަލުވި ހިސާބުންނެވެ. އެންމެ ފުރަތަމަ ޔޫސުފް މަސައްކަތްކުރީ އެމީހާއަށް ކްރިސްޓިއަން ދީން ކިޔަވަައިދީ އޭނާގެ ދީން ބަދަލުކޮށްލުމަށެވެ.
އެހެންނަމަވެސް މިސްރުގެ އެކުވެރިޔާ އޭނާއަށް އިސްލާމްދީންގެ ކަންތައްތައް އޮޅުން ފިލުވައިދޭން ފެށި ހިސާބުން އޭނާގެ ހިތުގައި ކްރިސްޓިއަން ދީނާ މެދު ސުވާލު އުފެދުނެވެ. އަދި އިސްލާމްދީންގެ ކަންތައްތައް ހޯދާ ބަލަން އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ޔޫސުފް، ފާޅުގައި އިސްލާމްދީން ގަބޫލުކުރީ 1991 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި ޖޯސެފް އެޑްވާޑް އެސްޓެސްގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކުރިއެވެ.
އެހާ ހިސާބުން ޔޫސުފް ބޭނުންވީ އިސްލާމްދީންގެ ކަންތައްތައް ރަނގަޅަށް ދަސްކޮށް އެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދޭށެވެ. ދީނީ ދަރުސްތަކާއި އޭނާ އިސްލާމްދީނަށް ބަދަލުވާން ކުރި ދަތުރުގެ ވާހަކައިން އެތައް ބައެއްގެ ޝައުގުވެރިކަން އތުލިއެވެ. އަދި އެ ދަރުސްތަކުން ފިލާވަޅު ލިބި ޒުވާނުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރުވެގެން ދިޔައެވެ. އިސްލާމީ އެކި މައުޟޫއުތަކުގައި ވާހަކަ ދައްކަން ފެށުމުން، އަދި ބައިނަލްއަގްވާމީ ދައުވަތުތައް އަންނަން ފެށުމުން އޭނާ އެންމެންގެ ފޭވަރިޓަކަށް ވެގެން ދިޔައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޔޫސުފް ވަނީ އެތައް ސަތޭކަ ދަރުސްތަކެއް ދީފައެވެ. ދީނީ ގިނަ ލިޔުންތަކެއް ލިޔެ، އެތައް ހާސް ވެބްސައިޓެއް ގާއިމްކޮށްފައެވެ. މިސްކިތްތަކާ، ސްކޫލްތަކުގައި ލައިވް ވެބް ކާސްޓިން އާއި ވީޑިއޯ ކޮންފަރެންސްތައް ބާއްވާފައެވެ. ޔޫސުފް ވަނީ އިސްލާމީ ގިނަ ޓީވީ ޗެނަލްތަކުން ފެނިގެން ދިއުމަށްފަހު އެމެރިކާގެ އަމިއްލަ ޓީވީ ސްޓޭޝަނެއް ފަށާފައެވެ.
ޔޫސުފްވަނީ އިސްލާމީ އެކި އިވެންޓްތަކުގައި ގެސްޓް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭނާ އަކީ އިސްލާމްދީނާ ބެހޭ ޕްރޮގްރާމްތައް ގެނެސްދޭ، ހިލޭ ބަލާލެވޭ ސެޓެލައިޓް ޓީވީ ޗެނަލެއް ކަމަށްވާ ގައިޑް ޔޫއެސް ޓީވީގެ ބާނީ އަދި ރައީސްއެވެ.
އޭނާގެ މި މަސައްކަތުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހުނެވެ. އެގޮތުން އޭނާގެ ފަތުވާތަކުގެ ސަބަބުން އިސްލާމްދީނާ ދެކޮޅު މީހުންގެ ވިސްނުން ބަދަލުވާ ކަމުގެ ބިރު އުފެދިގެން ދިޔައެވެ. މި ވިސްނުންތަކާ ހާއްސަކޮށް މުސްލިމުން ކްރިސްމަސް އާއި ހަނޫކާ ފާހަގަކުރުމާ ދެކޮޅަށް އޭނާ ދިން ފަތުވާތަކުގެ ސަބަބުން 2017 ވަނަ އަހަރު ސިންގަޕޫރަށް އެތެރެވުމަށް ޔޫސުފްއަށް ދަތިތަކެއް ކުރިމަތިވިއެވެ. އެ ނިންމުމަށް ފާޑުކިޔުން އަމާޒުވެ، ޓޫރިސްޓެއްގެ ގޮތުގައި އެ ގައުމަށް އެތެރެވުމުގެ ހުއްދަ ލިބުނެވެ.
އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި 2010 ވަނަ އަހަރު ޔޫސުފްގެ ނަން ހިމެނިގެން ދިޔައެވެ. 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ދުބާއީ ބައިނަލްއަގްވާމީ ކީރިތި ޤުރުއާން އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އަހަރުގެ އެންމެ މޮޅު އިސްލާމީ ޝަހުސިއްޔަތުގެ މަގާމު އޭނާ ވަނީ ހޯދާފައެވެ.
