ހުޅަނގުގެ އައްސޭރިން ހިފާފައިވާ ބިންތައް އިޒްރޭލު ދައުލަތުގެ މިލްކިއްޔާތަކަށް ހެދުމަށް އެ ގައުމުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ ދައުލަތުގެ މިލްކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިޒްރޭލުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ އެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ހިންގާ ބައިނަލްއަގުވާމީ ގޮތުން މަނާ އިސްތިއުމާރީ ސިޔާސަތުތަކުގެ ފުޅާކުރުމެއް ކަމަށެވެ.

އަދި ހަމަ އެހެންމެ އިޒްރޭލުން އަމިއްލައަށް ނިންމާ މިފަދަ ނިންމުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމުގެ އިތުރުން، އެ ސަރަހައްދުގައި ގާއިމުކުރަން މަސައްކަތްކުރާ ދާއިމީ އަދި އިންސާފުވެރި ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައި ވެއެވެ.

އެހެންކަމުން، އިޒްރޭލުގެ އެފަދަ ގައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތައް ތަންފީޒުކޮށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ވެސް ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިހްތިޔާރުގައި ގައުމެއް ބިނާކުރުމުގެ ހައްގަށާއި، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖޭން ދޭ އެއްބާރުލުން ތަކުރާރުކޮށްފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 1967 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފި ފަހުން ފުރަތަމަ ފަހަރަށް، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އިޒްރޭލުގެ "ދައުލަތުގެ މިލްކެއް" ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިޒްރޭލުގެ ސަރުކާރުން ނިންމާފައިވާއިރު ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފަށް ވަނީ ގާޒާއަށް ހަމަލާތައް ދެމުންނެވެ.

ހުޅަނގު އައްސޭރީގެ ބިންތައް ހިފުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްއަށް މިދިޔަ ޖުލައި މަހު ވަނީ ފާސްކޮށްފަ އެވެ. އަދި މިކަމާ އެމެރިކާއާއި އަރަބި ގައުމުތަކުން އަދި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމުތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރިގެ އިތުރު ބިންތަކެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިޒްރޭލުގެ ކެބިނެޓުން މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ހުޅަނގު އައްސޭރީގެ އިތުރު 19 ތަނެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އޭރު ނިންމި އެވެ.