ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ރޯދަ މަހު ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގެ ރަސްމީ މަސައްކަތް ގަޑި އާންމު ކުރަމުން ބުނީ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް، މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖައްސައި، އެކަމާބެހޭ ދެންނެވުމެއް ރައީސް އޮފީހުން ނެރެފައި ވަނީ މާޗް 6، 2022 ގައެވެ.
މިއަހަރު ވެސް ކުރިން އަހަރެކޭ އެއްގޮތަށް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދު ވާނެއެވެ.
ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކަށް ބަލާއިރު ރޯދަ މަހުގެ އެއް ހަފްތާގައި ސްކޫލްގައި ކިޔަވައި ދޭނެއެވެ. އެ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަސް ސަރުކާރު ބަންދުވާ އިރު އެ ހަފްތާގެ ބުރާސްފަތު ދުވަހު ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ފެބްރުއަރީ 22 އިން 26 އަށް ވެސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެއަށްފަހު މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސް ގޮތުގައި ދުވަސްތައް ކަނޑައަޅައި އެ ދުވަސްވަތަކަކީ ދަރިވަރުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. އެއަށްފަހު ރޯދަ މަހުގެ ފަހު 10 އާއި އީދު ބަންދާ އެކު މާޗް މަހުގެ 9 ވަނަ ދުވަހުން އެ މަހުގެ 22 އާ ދެމެދަކީ ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އީދަށް ފަހު ދެން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ މާޗް 23 ވާ އާދިއްތަ ދުވަހުއެވެ.
