ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރުއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަ ދެއްކުން ހުއްޓާލުމަށް އާއިލާއިން އެދިއްޖެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނިފައި ވުމުން އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔައި ނުރުހުމުގެ ބަސްތައް އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އެ އާއިލާގެ ބޭފުޅެއް ކަމަށް ވާ ޑރ. މުއިއްޒުގެ ބޭބޭފުޅު އަދި ރިޔާސީ ގަނޑުވަރުގެ މިނިސްޓަރު އިގްބާލް އާދަމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށްވީ ކޮން ގޮތަކުންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އުމުރުން 17 އަހަރު ވެސް ނުފުރޭ އުމައިރުއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އިގްބާލް ވަނީ ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު، މިއީ ރައީސް ކަން ކުރައްވާ ބޭފުޅެއްގެ ދަރިކަލުން މިފަދަ އެވޯޑަކަށް ނޮމިނޭޓްވެފައިވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށް ގިނަ ބަޔަކު ސީޔާސީ ގޮތުން ވެސް އެ އާއިލާއާ ދެކޮޅަށް އަންނަނީ ވާހަކަ ދައްކަމުންނެވެ. މި އަޑުތައް ފެތުރެން ފެށުމާއެކު ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.
މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. 2024 ވަނަ އަހަރު އޭނާ ވަނީ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި އެއީ އެމްޑީޕީގެ ވެރިކަމުގައި ހިންގި އަރުތަ ޕްރޮގްރާމްގައި ހިމެނުނު އެތުލީޓެއް ކަން ވެސް މަހްލޫފް ފާހަގަކުރެއްވިއެވެ.
އެ އެވޯޑަށް އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި އޭނާ ނޮމިނޭޓްވެފައި ވަނީ އެންމެ ކުޑައިރުއްސުރެ އޭނާ ކުރި މަސައްކަތުން ކަމަށް މަހްލޫފް ވިދާޅުވިއެވެ. ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސިޑެންޝަލް އެފެއާސްގެ މިނިސްޓަރު އަލީ އާރިފް ކުރެއްވި ޕޯސްޓެއްގައި ވަނީ، ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓް ވުން ކުށަކަށް ވީ، އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށް ވީމަތޯ އައްސަވާފައެވެ. އުމައިރުއާ އެކު ދެން ތިނި ހަތަރު ކުދިންގެ ތެރޭގައި ވެސް ސިޔާސީ ބޭފުޅުންގެ ކުދިން އެބް ތިއްބެވި ކަމަށާއި އެކުދިން ވެސް އެ އެވޮޑަށް ނޮމިނޭޓްވެފައި ވަނީ އުމައިރު ފަދައިން ހުނަރުވެރިވުމުން ކަމަށް އާރިފް ވިދާޅުވިއެވެ.
އަދި އެކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ޏުން ކަމަށާއި ސިޔާސީ މިނިވަން ކަމެއް ވެސް ނޫން ކަމަށް އާރިފް ވިދާޅުވިއެވެ. އެއީ ފާޅުގައި އެކުދިންގެ ހައްގުތަކަށް އަރައިގަތުން ކަަމަށް އޭނާ ވިދާޅުވިއެވެ.
