"މޯލްޑިވްސް ސްޕޯޓްސް އެވޮޑް 2026" މިއަހަރު ފަހުކޮޅުގައި ބާވަން ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ސްޕޯތްސް އެވޮޑް ދިނުމަށް މިދިޔަ އަހަރު ބާއްވަން ހަމަޖައްސައި ފަސް ވަމުން އައި އެވޯޑް ހަފްލާ މާދަމާ ބާއްވާކަން ހާމަކުރަމުން ކުރި ޕޯސްޓެއްގައެވެ.
އެ މިނިސްޓްރީން ބުނީ، މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ގައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާއެއް ކަމަށެވެ. އެ ހަފްލާ 2025 ގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެކި ސަބަބުތަކާ ހުރެ މި އަހަރަށް ފަސްކުރަން ޖެހުނު ކަމަށް ވެސް ބުނެފައި ވެއެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" މާދަމާރޭ ބޭއްވި ނަމަވެސް 2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު ބާއްވަން ނިންމާފައިވާ ކަން ސްޕޯތްސް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް މި އެވޯޑް ބާއްވާނެ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ އެވޯޑެވެ.
މި އަހަރު 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރު ދާއިރާއަށް ހިދުމަތް ކޮށްދޭ ފަރާތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑުތަކެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
