ސިމާ ސަމާރު އުފަންވީ، ފެބްރުއަރީ 3، 1957 ގައި އަފްޣާނިސްތާނުގެ ޣަޒްނީ ޕްރޮވިންސްގެ ޖަގޫރީއަށެވެ. 1982 ވަނަ އަހަރު މެޑިސިންގެ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވީ ކާބުލް ޔުނިވާސިޓީންނެވެ. އޭނާ ވެގެން ދިޔައީ ކާބުލް ޔުނިވާސިޓީން މެޑިސިން ޑިގްރީ ހާސިލްކުރި ފުރަތަމަ އަފްޣާން އަންހެން މީހާއަށެވެ.
ކާބުލްގެ ސަރުކާރުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަން ފެށި ނަމަވެސް ސަލަމާތީ ސަބަބުތަކަށްޓަކައި އަލުން އެބުރި އޭނާގެ އުފަން ރަށް ޖަޣޯރީއަށް ފިލައިގެންދާން މަޖުބޫރުވިއެވެ. އެއަށްފަހު މެދުތެރޭ އަފްޣާނިސްތާނުގެ ރިމޯޓް ސަރަހައްދުތަކުގައި ތިބި ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި މަސައްކަތްކުރައްވާފައިވާ ސިމާ ވަނީ އަފްޣާނިސްތާނުގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަންގެ އިސްވެރިޔާގެ މަގާމުގައި ވެސް އަދާކުރައްވާފައެވެ.
1984 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އަފްޣާނިސްތާނުގެ ސަރުކާރުން އޭނާގެ ފިރިމީހާ ހައްޔަރުކުރުމާއެކު ސިމާ ވަނީ އޭނާގެ ފިރިހެން ދަރިފުޅާއެކު ފިލައިގެން ޕާކިސްތާނަށް ގޮސްފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ސިމާގެ ފިރިމީހާގެ އިތުރުން އޭނާގެ ތިން ބޭބެއިން އަދި އާއިލާގެ ބައެއް މީހުން ވަނީ މަރުވެފައެވެ.
ޕާކިސްތާނުގައި ރެފިއުޖީއެއްގެ ގޮތުގައި އުޅުނު ދުވަސްވަރު ސިމާވަނީ މިޝަން ހޮސްޕިޓަލުގެ ރެފިއުޖީ ބްރާންޗުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަފްޣާން ރެފިއުޖީ އަންހެނުންނަށް ސިއްހީ ހިދުމަތްދޭ ވަސީލަތްތައް ނެތުމުން، 1989 ވަނަ އަހަރު ޕާކިސްތާނުގެ ކުއެޓާގައި ޝުހާދާ އޯގަނައިޒޭޝަން އަދި ޝުހާދާ ކްލިނިކް އުފެއްދެވިއެވެ.
ޝުހާދާ އޯގަނައިޒޭޝަނަކީ އަފްޣާނިސްތާނުގެ އަންހެނުންނާ، އަންހެން ކުދިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަމާ، މެޑިކަލް ސްޓާފުން ތަމްރީނުކުރުމާއި، ތައުލީމީ ދާއިރާއަށް ހާއްސަ ޖަމިއްޔާއެކެވެ. އޭގެ ފަހުން އައި އަހަރުތަކުގައި މުޅި އަފްޣާނިސްތާނުގައި އޭނާގެ ކްލިނިކް/ހޮސްޕިޓަލްތަކުގެ އިތުރު ގޮފިތައް ހުޅުވިގެން ދިޔައެވެ.
ދިހަ އަހަރަށްވުރެ ގިނަ ދުވަހު ރެފިއުޖީއެއްގެ ގޮތުގައި އުޅުއްވުމަށްފަހު ސިމާ އެނބުރި އަފްޣާނިސްތާނަށް ވަޑައިގަތީ 2002 ވަނަ އަހަރުއެވެ. ހާމިދު ކަރުޒާއީ އިސްކޮށް ހުންނަވައިގެން އުފެއްދި ވަގުތީ ސަރުކާރުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާއި އޭގެ ފަހުން މިނިސްޓަރީ އޮފް ވިމެންސް އެފެއާޒްގެ މަގާމުވެސް ފުރުއްވާފައެވެ.
އަފްޣާނިސްތާނުގެ ކެބިނެޓް މިނިސްޓަރަކަށް ވެވަޑައިގެންނެވި 6 ވަނަ އަންހެން ކަމަނާގެ އިތުރުން 1970 ގެ އަހަރުތަކުގައި ޝަފީގާ ޒިޔާއީ އަށްފަހު އަންހެނުންގެ ކަންކަމާބެހޭ ފުރަތަމަ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ސިމާއަކީ 1992 ވަނަ އަހަރަށްފަހު އެ ގައުމުގައި މިނިސްޓަރަކަށް ވެވަޑައިގެންނެވި ފުރަތަމަ އަންހެން ކަމަނާއެވެ.
ގައުމީ އަދި ބައިނަލްއަގްވާމީ ފޯރަމްތަކުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ، އެކްޓިވިސްޓެއް އަދި މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސިމާ ވަނީ 2005 އިން 2009 އަށް އަދ. އިން ސޫދާނުގައި އިންސާނީ ހައްގުތަކުގެ ހާލަތާ ބެލުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ރިޕޯޓަރެއްގެ މަގާމުވެސް އަދާކޮށްފައެވެ. 2010 ވަނަ އަހަރު ސިމާ ވަނީ ގާވަރުޝާދު އިންސްޓިޓިއުޓް އޮފް ހަޔާ އެޑިއުކޭޝަން އުފެއްދާފައެވެ. އަދި އެ އިންސްޓިޓިއުޓްގެ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި 1200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދީފައެވެ.
ދުނިޔޭގެ އެންމެ ކޮމްޕްލެކްސް އަދި ނުރައްކާތެރި އެއް ސަރަހައްދުގައި އިންސާނީ ހައްގުތަކަށް، ހާއްސަކޮށް އަންހެނުންގެ ހައްގުތަކަށް ދިގު މުއްދަތަކަށް ހިތްވަރުގަދަ ހިދުމަތްތަކެއް ކޮށްދީފައިވާތީ ސިމާ އަށް ވަނީ 2012 ވަނަ އަހަރު ރައިޓް ލިވަލިހޫޑް އެވޯޑް ލިބިފައެވެ.
