ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލިބުނީ "ހުސް ތޮށިގަނޑެއް" ކަމަށާއި މުޅި މާލިއްޔާ އޮތީ ދަރުވާލާފައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ގއ. ވިލިނގިލިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ 2024 ވަނަ އަހަރުގެ މާޗު މަހާ ހިސާބަށް ގައުމު ނުހިފެހެއްޓޭނެކަމަށާ އަދި ލޯނުތައް ނުދެއްކޭނެ ކަމަށް އެމްޑީޕީގެ ލީޑާޝީޕުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުގައި މިވީ ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއަކީ ދައުލަތް ނުދަރައި ހިފަހައްޓާލުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް، އިގުތިސާދު ވެސް މަޑުމަޑުން ރަނގަޅު ކުރަމުން އަދި ރުފިޔާ ޗާޕުނުކޮށް، ލޯނުތައް ވެސް މި ސަރުކާރުން ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް އެ މަނިކުފާނު ދައްކަވައި، ވޭތުވެދިޔަ ސަރުކާރުތަކުން ނެގި ބޮޑު ދަރަނި ވެސް ދައްކާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި އިންތިހާބުގައި ޕީއެންސީ ކެންޑިޑޭޓުން ވިލިގިނލިން އިންތިހާބުކުރަންޖެހޭ ސަބަބުތައް ހާމަކުރައްވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު 47 މިލިއަން ރުފިޔާ ދީގެން ވިލިނގިލީގައި ފެނަކައިގެ ބްރާންޗެއް ހަދަން ފެށި ނަމަވެސް އެ ތަން ހުރީ ވީރާނާވެފައި ކަމަށެވެ. އަދި އެ ރަށުގައި ގެތައް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށް، ފައިސާ ދީފައިވީ ނަމަވެސް އެކަން ވެސް ނުހިނގާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވިލިނގިއްޔަކީ "ޕީއެންސީގެ ކިއްލާ"އެއްގެ ގޮތުގައި ސިފަކުރައްވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.