ނީލަމުގައި އިއްޔެ ވިއްކަން އިއުލާންކޮށްފައި ވަނީ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހިޔާނާތާ ގުޅޭ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތެވެ.

އެހެންކަމުން އެ މައްސަލަ ތަހުގީގުކުރިއިރު އެތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި އެ ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށާއި މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި މިހާރު އެދިފައި ވެއެވެ.

އެހެންކަމުން މި މައްސަލައިގައި ޕީޖީ އޮފީހުން ލަފާ ދީފައިވާ ގޮތުގައި:

  • ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭ ނަމަ ކަމަށާއި މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް
  • އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް
  • އަދި އެ މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރުމަށް

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި 2026 ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ފަރާތެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ޝަރީއަތުން ނިންމަވާފައިވާ އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ބުނެފައިވާ ކަމަށް ވެއެވެ.

ފުލުހުންގެ ވަނީ އެއ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން އިއްޔެ ހުޅުވާލާފައެވެ. 8 ވައްތަރެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން ބޭނުންވާ ކަމަށް ފުލުހުން ކުރި އިއުލާނުގައި ކިލޯއެއްގެ އަގު ބުނެފައި ވަނީ 300ރ. ގެ މަގުންނެވެ. އިއުލާނުގައިވާ ގޮތުން، ނީލަމުގައި ވިއްކާނެ ހުއިފިލަނޑާގެ ބާވަތްތަކަކީ މުށި، ހޮޅި، ކަރީ ފިޝް، ހުދު ކިރު، ކަޅު ކިރު އަދި އިލަފަންޓް، ކަށި އަދި ބުއްފުޅި އެވެ.