ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި އަދި މޮނިޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، މި އިންތިހާބުގައި އޮބްޒާވަރުން އަދި މޮނިޓަރުންނަށް ވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 3:00ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.
އޮބްޒާވަރުންގެ ހުންނަން ޖެހޭ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލު ކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން.
- ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އީސީން ބުނީ، އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެ ކަމަށެވެ. ސިޔާސީ ޕާޓީތައް ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅާނީ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިންނެވެ.
އޮބްޒާވަރުންގެ މައުލޫމާތު ހުށަހެޅުމުން، އޮބްޒާވަރެއްގެ ގޮތުގައި ހުށަހެޅި ފަރާތަށް، އިގްރާރުވުމަށް އެދި އެސްއެމްއެސް އެއް ފޮނުވޭނެ ކަމަށާއި އޮބްޒާވަރަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިގްރާރު ވާނީ 'މައި ޕޯޓަލް' ގެ ތެރެއިން ކަމަށް އީސީން ބުނެއެވެ. އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން އީސީން ގަބޫލުކުރުމުން އެފަރާތުގެ ފާސް 'މައި ޕޯޓަލް' އިން ޑައުންލޯޑް ކުރެވޭނެއެވެ.
ޖަމްއިއްޔާ، ޖަމާއަތްތަކާއި ޖަމްއިއްޔާތަކުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމްއިއްޔާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް އީސީގެ މައި ޕޯޓަލް އިންނެވެ.
މޮނިޓަރުންގެ ހުންނަން ޖެހޭ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން.
- ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.
- ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއް ކަމުގައި ވުން.
- ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއް ކަމުގައި ވުން.
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
- އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލާފައިވާ މީހެއް ކަމުގައި ނުވުން.
- ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގްރާރުވެފައިވާ މީހަކު ކަމުގައި ވުން.
މި އިންތިހާބުގެ މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭނެ ނަމަ، މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އީސީއަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލް އިންނެވެ.
"މޮނިޓަރުންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށް ވުމަށް އެދޭ ފޯމު" ފުރިހަމަކޮށް އީ-މެއިލް ކުރުމަށް އީސީން ބުނެއެވެ. ފޯމާއެކު މީޑިއާ/ބްރޯޑްކާސްޓަރގެ ރަޖިސްޓަރީ/ލައިސަންސް ކޮޕީ އަދި ޑޭޓާ ލިއޭޒަންގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ޑޭޓާ ލިއޭޒަންއަށް ކަނޑައަޅާ ފަރާތަށް މައި ޕޯޓަލްއިން މޮނިޓަރުންގެ ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން އެސްއެމްއެސް އެއް ލިބޭނެއެވެ. އަދި އީސީގެ މައި ޕޯޓަލް މެދުވެރިކޮށް މޮނިޓަރުންގެ މައުލޫމާތު ހުށަހަޅާނީ ޑޭޓާ ލިއޭޒަން ކަމަށް ވެސް އީސީން ބުނެއެވެ.
މޮނިޓަރުންގެ މައުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، ވޯޓުލާ މަރުކަޒުގައި މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަށް، އިގްރާރުވުމަށް އެދި އެސްއެމްއެސް އެއް ފޮނުވޭނެ ކަމަށް އީސީން ބުނެއެވެ. މޮނިޓަރަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިގްރާރު މައި ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށް ވެސް އިސީން ބުނެއެވެ. މޮނިޓަރަކަށްވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން އީސީން ގަބޫލުކުރުމުން އެފަރާތުގެ ފާސް މައި ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
