ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް އީސީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި އެމީހެއްގެ ވޯޓުލާ ތަން ކަމަށް ރަޖިސްޓަރީވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމުގައި ވެސް އީސީން ބުނެއެވެ.

  • ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް
  • 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' އިން ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭ
  • 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން
  • ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ
  • އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1414 އަށް ގުޅާލާ

މި އިންތިހާބަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ. އެ ގޮތުން އެސްއެމް އިން ވީއާރު ޖެހުމަށްފަހު ހުސް ތަންކޮޅެއް ދޫކޮށްލާފަ، އައިޑީކާޑް ނަންބަރު ޖެހުމަށް ފަހު 1414އަށް މެސެޖްކޮށްގެން ޗެކް ކުރެވޭނެއެވެ. ހަމައެއާއެކު އީސީގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް ވެސް ބަލާލެވޭނެ އެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލާ ފަރާތްތަކުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ.

ކުރިން ބޭއްވި އިންތިހާބެއްގެ ވޯޓު ލުމުގެ ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވާއިރު ބައެއް މަގާމްތަކަށް އިންތިހާބަކާއި ނުލައި ބައެއް ބޭފުޅުން ވަނީ ހޮވިފައެވެ. ނަމަވެސް އެކަން މުޅިން ސާފު ވާނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުމަށް ފަހުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބުގައި ޖުމްލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ އިރު، ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީން ނެވެ. މި އިންތިހާބުގައި ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން ހޮވަން ނިންމާފައިވާ އިރު، ޕީއެންސީން 665 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރާނެއެވެ.

މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.