ސިނަމާލެ ބްރިޖުގައި މާލެ އިން ހުޅުމާލެއަށް ދާ ފަޅީގެ ކާރު ލޭނުގައި އޮތް ކާރެއްގައި، ފަހަތުން އައި އެހެން ކާރެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ މާލެ އިން ހުޅުމާލެއަށް ދާ ފަޅީގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ޖެހި ކާރު ސައިކަލު ލޭނަށް އެނބުރިގެން ދިޔަ ވަގުތު ސައިކަލު ލޭނުން ދުއްވާފައި ދިޔަ ހަތަރު ސައިކަލެއް ކާރުގައި ޖެހިގެން ކަމަށެވެ.
ރޭ ދަންވަރު 12:24 ހާއިރު ހިނގި އެ އެކްސިޑެންޓުގައި 4 ދިވެހި ފިރިހެނުންނަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި އަނެއް ދެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އެކްސިޑެންޓްވި އުޅަނދުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
