ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްލި ރާއްޖޭގެ ދެކުނު ކަނޑުން 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އެގޮތަށް އިއުލާން ކުރައްވާފައިވާތީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް، ބަލަހައްޓަން ދިވެހި ސިފައިންގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ބަޔާުނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމާ ބެހޭގޮތުން ރާއްޖެއިން މިހާތަނަށް ސޮއިކުރީ ރާއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނުލިބޭ ގައުމުތަކާއެކު ކަނޑުގެ ސަރަހައްދު ބެހުމަށް 1976 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން އެކަންޏެވެ. އަދި އެފަދަ އިތުރު އެއްބަސްވުމެއްގައި އެހެން ފަރާތަކާއެކު ރާއްޖެއިން ސޮއިކޮށްފައި ނުވާތީ، އެ ނޫން ހުރިހާ ސަރަހައްދުތަކުން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށް އެ ބަޔާނުގައި ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.