ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެއްފުރާޅެއްގެ ދަށުން ތައުލީމާއި ތެރަޕީ އާއި ހުނަރު ލިބިދެވޭނެ ސެންޓަރެއް ގާއިމްކޮށް ދިނުމަށް މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އެދިއްޖެއެވެ.
މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިން މިފަދައިން އެދިފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ބެލެނިވެރިން ވަނީ އޯޓިޒަމް އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެވޭ ގޮތް އިތުރަށް ހަރުދަނާ ކުރުމާއި، ވޮކޭޝަނަލް ތަމްރީނު ބޭނުންވާ ކުދިންނަށް އެ ފުރުސަތު ސްކޫލްތަކުން ލިބޭނެ ގޮތް ވުމާއި، ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ހިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާ ކުރައްވާފައެވެ.
ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ގުރުއާން ކިޔެވޭނެ ގޮތް ހެދުމާއި، ތެރަޕީގެ ހިދުމަތް ހަރުދަނާކޮށް، އެއްފުރާޅެއްގެ ދަށުން އެކުދިންނަށް ބޭނުންވާ ތެރަޕީ އާއި ތައުލީމާއި ހުނަރު ލިބިދެވޭނެ ސެންޓަރެއް ސަރުކާރުން ގާއިމްކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުން ޑިސްއެބިލިޓީ ކައުންސިލް މިހާރު އުފެދިފައި އޮންނަ ގޮތް ބަދަލު ކުރުމަށް ވެސް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ވީހާވެސް އަވަހަށް ހައްލުތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.
