ރޯދަ މަހަކީ ބޭކާރު ސަރުބީތައް ވިރުވާލާ، ބަރުދަން ހަމައަކަށް އަޅުވައި، ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތުކަމުގައިވާ އިރު، ރޯދަ މަހު ގިނައިން ދިޔާ ތަކެތި ބުއިމާއި، ކާތަކެތީގެ ޕޯޝަން ކޮންޓްރޯލް ކުރުމުގެ އިތުރުން ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ތަކެތި ހިމެނުމަކީ މުހިއްމުކަމަށެވެ. ރޯދަ ވީއްލާ ގަޑި އާއި ހާރު ކާ ގަޑީގައި އަގައަށް މީރު ކޮންމެ އެއްޗެއް ކެއުމުގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް އިސްކަން ދޭށެއެވެ.
މީގެ އިތުރުން ރޯދަމަހު ކަސްރަތު ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ގަވައިދުން ކަސްރަތުކުރުމާ، ނިދި ފުރިހަމަ ކުރުމުގެ އިތުރުން ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީ ރޯދަ މަހުވެސް ސިއްހީ މައްސަލަތަކާއި ދުރުވެ، އަޅުކަމުގައި ހީވާގިވުމަށް ލިބިގެންދާނެ އެހީއެކެވެ.
ރޯދަމަހު ކަސްރަތުކުރާ ވަގުތަކީ އެމީހެއްގެ ހާލަތާއި، މާހައުލާއި، ވަގުތަށް ބަރޯސާވާ ކަމެކެވެ. ރޯދައަށް ހުރެގެންވެސް ކަސްރަތު ކުރެވިދާނެއެވެ. އެކަމަކު އާދައިގެ މަސްމަހު ކަސްރަތު ކުރާ ގޮތާ ތަފާތުކޮށްލަން ޖެހެއެވެ. ރޯދަ މަހު ކަސްރަތު ކުރާނަމަ 30 މިނިޓަށް ކަސްރަތު ކުރާ ވަގުތު ކުޑަކޮށްލެވިދާނެއެވެ.
ހާރު ކެއުމުގެ ކުރިންނާއި، އިފްތާރުގެ ފަހުން، އަދި ރޯދައަށް ހުންނަ ގަޑިތަކުގައި ވެސް ކަސްރަތުކުރެވިދާނެއެވެ. މިއިން ކޮންމެ ގަޑިއެއްގައި ކަސްރަތުކުރި ނަމަވެސް މީހާގެ ހަށިގަނޑަށް ގެއްލުން ނުވާ ގޮތަށް ކަސްރަތުކުރުމަށް އިސްކަންދޭންޖެހެއެވެ. އެހެންކަމުން ކަސްރަތުކުރާނެ ގަޑިއެއް ކަނޑައަޅާއިރު ހަށިގަނޑާ، ފިޓްނަސް ލެވެލް އާއި އަދި ދުވަހުގެ ރޫޓިންއަށް ބެލުމަށްފަހު ގަޑިއެއް ނިންމުން މުހިއްމެވެ.
ހާރުކެއުމުގެ ކުރިން ކަސްރަތު ކުރުމަކީ އާދަޔާ ހިލާފު ކަމެއްހެން ހީވިޔަސް، މިއީ ރޯދަމަހު ކަސްރަތުކޮށްލަން ރަނގަޅު ގަޑިއެކެވެ. މިއީ ލުއި ކަސްރަތުތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ވަގުތެވެ. މި ގަޑީގައި ކަސްރަތު ކުރުމުން ލިބޭ ފައިދާއަކީ ފެން ނުވަތަ ސިއްހަތަށް ފައިދާހުރި ޖޫހަކުން ހަށިގަނޑު ހައިޑްރޭޓްކޮށް، ދެން ހަށިގަނޑަށް ފައިދާހުރި ކާއެއްޗެއް ކާލުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
މި ގަޑީގައި ކަސްރަތުކުރާ ފަރާތްތަކަށް ދިމާވެދާނެ ގޮންޖެހުމަކީ ނިދި އައުމާ، ވަރުބަލިކަން އިހުސާސް ވުމުގެ އިތުރުން ކާޑިއޯ އާއި ބަރު އުފުލުން ފަދަ ގަދަ ކަސްރަތުތައް ކުރަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ވަގުތެއްކަމުގައި ނުވުމެވެ. އެހެންމަވެސް މިއީ ހިނގާލާ ދުވެލަން ނުވަތަ ސްޓްރެޗިން ކަސްރަތު ފަދަ ލުއި ކަސްރަތުތައް ކުރެވިދާނެ ވަގުތެކެވެ.
ބައެއް މީހުންނަށް ރޯދަ މަހުވެސް ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތަކީ އެހެން މަސްމަހު ކުރާ ގޮތަށް އެމީހުންގެ ހެނދުނުގެ ރޫޓިންގެ ބައެއްގެ ގޮތުގައި ކަސްރަތުކުރުމެވެ. ނުވަތަ މަޣްރިބް ނަމާދަށް ބަންގި ގޮވުމުގެ ކުޑައިރުކޮޅެއް ކުރިން، ވަރުގަދަ ކަސްރަތެއް ކޮށްލުމެވެ. އެހެންނަމަވެސް ރޯދައަށް ހުރެ ކަސްރަތުކުރާ ނަމަ މީހާގެ ސިއްހީ ހާލަތަށްވެސް ބަލާލުން މުހިއްމެވެ.
ރޯދައަށް ހުންނައިރު ހައި އިންޓެންސިޓީ ވޯކްއައުޓް ކުރާނަމަ ހަށިގަނޑުގައި ފެން މަދުވެ ބްލަޑް ޕްރެޝާ ދަށްވެ އަދި ހަކުރުގެ މިންވަރު ދަށްވެދާނެއެވެ. އަދި މާބޮޑަށް މީހާ ޑީހައިޑްރޭޓްވެ، ވަރުބަލިވާ ގޮތަށް ކަސްރަތުކުރާ ނަމަ، ހަށިގަނޑަށް އޭގެ ނުރަނގަޅު އަސަރުތައް ކުރާނެއެވެ. އެހެން ކަމުން މާ ބޮޑަށް މީހާ ވަރުބަލިކޮށް، ނޭވާކުރުވާ ފަދަ ކަސްރަތުތައް ރޯދައަށްހުރެ ކުރުމަކީ އެންމެ އެދެވިގެންވާ ކަމެއް ނޫނެވެ.
ރޯދަ ވީއްލުމަށްފަހު ރޭގަނޑު ގަޑީގައި ކަސްރަތުކުރުން މުހިންމެވެ. ރޯދަ ވީއްލާ، ކެއުމުގެ އެއްގަޑިއިރު ފަހުން ކަސްރަތު ކުރުން ނުވަތަ ތަރާވީހުގެ ފަހުން ކަސްރަތު ކުރުން ރަނގަޅެވެ. ރޯދަމަހު ޖިސްމާނީ ގޮތުންނާ، ނަފުސާނީ ގޮތުން ހަށިގަނޑު އެންމެ ބޮޑަށް ތާޒާވެގެންދާ އެއްވަގުތަކީ ރޯދަވީއްލުމަށްފަހުއެވެ. އަދި ރޯދަ ވީއްލުމުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އާއި ބާރާއި، ބުންވަރުވެސް ލިބިގެންދާނެއެވެ.
ރޯދަ މަހު ކަސްރަތު ކުރާ ނަމަ ކެއުމަށްވެސް ބަލަންޖެހޭނެއެވެ. ހަށިގަނޑަށް ފައިދާހުރި ކެއުންތައް ކެއުމަށާއި، މާގިނައިން ފޮނި އެއްޗެހި އަދި މާ ލޮނުގަދަކޮށް ކެއުމުން ދުރުވާންޖެހެއެވެ. ރޯދަ ވީއްލައިގެން ކަސްރަތު ކުރާއިރު މަދު މަދުން ފެންބޯން އާދަކުރަން ވާނެއެވެ. އަދި ކެފެއިން، ހަވާދުގެ ބާވަތްތައް، މާ ބޮޑަށް ކުޅިކޮށް ހުންނަ ކާއެއްޗެއްހި އަދި ތެލުގެ ބާވަތްތައް މަދުކޮށްލަންޖެހެއެވެ. އާންމުކޮށް ކަސްރަތުކޮށް ކުޅިވަރުކޮށް އުޅޭ މީހެއް ނަމަ ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކޮންމެ ރެޔަކު މަދުވެގެން 12-8 ތަށްޓާއި ދެމެދުގެ އަދަދަކަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ.
މީގެ އިތުރުން ރޯދަމަހު އާ ކަސްރަތެއް ފަށައިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އާންމުކޮށް ކަސްރަތު ނުކުރާ މީހެއްނަމަ ރޯދަމަހު ކުރަންވާނީ ލުއި ކަސްރަތެކެވެ. ސިއްހީ މައްސަލަ ހުންނަ ފަރާތްތަކުން ޑޮކްޓަރަށް ދައްކައިގެން ކަސްރަތުކުރުމުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ލަފަޔާއި އިރުޝާދު ލިބިގަތުމަކީވެސް މުހިއްމުކަމެކެވެ.
ރޯދަ މަހު ކަސްރަތު ހުއްޓާލާކަށް ނުޖެހެއެވެ. އެހެންނަމަވެސް ކަސްރަތުކުރަންވީ ގޮތުގެ ރަނގަޅު މައުލޫމާތާއި އިރުޝާދު ހޯދައިގެން މި ރޯދަ މަހުވެސް ބަރުދަން ލުއިކޮށް، އަޅުކަމުގައި ހީވާގިވެލަންޖެހޭ މައްސަރަކަށް ހަދަންޖެހެއެވެ. ގަވައިދުން ކަސްރަތު ކުރުމުން ހިތުގެ ސިއްހަތު ރަނގަޅުވެ، މޫޑު އުޖާލާވެ، ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދީ، ސްޓްރެސް އާއި ހާސްކަން ކުޑަވެ، އަމިއްލަ ނަފްސަށް އިތުބާރު ކުރުން އިތުރުކޮށްދެއެވެ.
