ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ނަގައިފިއެވެ.
ގޯތީގެ ގުރު ނަގާފައި މިވަނީ ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވުމާއި ގުޅިގެންނެވެ. އެހެންކަމުން ގޯތި ލިބުނު އެންމެނަށް ލިބިފައިވާ ގޯތި ކަނޑައެޅުމަށްޓަކައި އަލުން އިއްޔެ ވަނީ ގުރު ނަގާފައެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެ ފަރާތްތަކުގެ ހާޒިރުގައި އެކަމަށް ކަނޑައަޅާފައިވާ މި މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި ގުރުއަތުލައި، ޕްލޮޓް އެލޮކޭޓްކުރެވެމުންދިޔަ މިންވަރަކުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް ގެ ޒަރިއްޔާއިން ވަގުތުން ފޮނުވާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަނުމުގެ ފުރުސަތު ދީފައި ވެއެވެ.
އަދި ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާނަމަ، އެކަން އަންގައިދޭ ލިޔުމާއި އަދި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަނުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.
ހަމަ އެހެންމެ ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު މި މިނިސްޓްރީ އިން ފަހުގެ ތާރީޚެއްގައި ހިއްސާކުރާނެ ކަމަށާއި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9001 ގޯތި ދޭން ނިންމާފައިވާ އިރު، އޭރު ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 އަދި ގިރާވަރުފަޅުން 5432 ގޯތި ދޭށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ގުޅިފަޅުގައި ގާއިމްކުރަން ނިންމި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ އެކު މިހާރު ހުޅުމާލެއިން 1370 ގޯތި، ގުޅިފަޅުން 3559 ގޯތި އަދި ގިރާވަރުފަޅުން 4072 ގޯތި ދޭން މި ވަނީ ނިންމާފައެވެ.
