މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
އެގޮތުން މި ލިޔުމުގައި ވެސް މި ގެނެސްދެނީ މިހާރަކަށް އައިސް ގިނަ ދިވެހީން ދިރިއުޅެމުން ދިއުމުގެ އިތުރުން ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާގެ އެކި ކަންކަމަށް ގޮސް އުޅޭ ގައުމެއް ކަމަށްވާ އޮސްޓްރޭލިއާއަށެވެ. 27 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދާ މި ގައުމަކީ ޕެސިފިކް ކަނޑު އަދި އިންޑިއާ ކަނޑުގެ ދެމެދުގައިވާ އެންމެ ކުޑަ ކޮންޓިނެންޓެވެ.
އެ ގައުމުގައި ފައިސާގެ ގޮތުގައި ބޭނުން ކުރަނީ އޮސްޓްރޭލިއަން ޑޮލަރެވެ. މިއީ އެކި ވައްތަރުގެ ޖަނަވާރުތައް ވެސް ގިނައިން އުޅޭ ގައުމަކަށްވާ އިރު މި ގައުމުގައި ހުރި މަޝްހޫރު ގުދުރަތީ ތަންތަނުގެ ތެރޭގައި ބަބްލް-ގަމް ޕިންކް ލޭކްތަކާއި، ގްރޭޓް ބެރިއާ ރީފް ފަދަ ތަންތަން ހިމެނެއެވެ.
މިވަގުތު ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. ނަމަވެސް އެހެން ގައުމަކަށް ލޭއޯވާ ކުރުމަށްފަހު އެ ގައުމަށް ދަތުރު ކުރެވެއެވެ. އެގޮތުން ސިންގަޕޯ އެއާލައިންސް، އެމިރޭޓްސް އަދި ގަތަރު އެއާވޭސް ފަދަ އެއާލައިންތަކުން އެ ގައުމަށް ދަތުރު ކުރެވެއެވެ. ލޭއޯވާ ފްލައިޓްތަކެއް ކަމުން ދަތުރުގައި 17-22 ވަރަކަށް ގަޑިއިރު ހޭދަވެއެވެ. އަދި ޓިކެޓުގެ އަގު އާންމު ގޮތެއްގައި އުޅެނީ 700 އާއި 1000 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ. އަހަރުތެރޭގެ އެކި ދުވަސްވަރު މި އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ދެން މި ގެނެސްދެނީ އެ ގައުމުގައި ޒިޔާރަތް ކޮށްލަން ރަނގަޅު ތަންތަނުގެ ތަފްސީލެވެ.
ސިޑްނީ، އޮޕޭރާ ހައުސްގެ ތަޖުރިބާ ކޮށްލަން ބޭނުންނަމަ:
ސިޑްނީ އަކީ މަޝްހޫރު ތަންތަނާއި ރީތި ގޮނޑުދޮށްތަކާއި ސިޓީ ސަގާފަތް އެކުލެވިގެންވާ ތަނެކެވެ.
އެގޮތުން ސިޑްނީ އޮޕެރާ ހައުސް އަށް ޒިޔާރަތް ކުރުމާއި، ސިޑްނީ ހާބާ ބްރިޖަށް އެރުމާއި، ބޮންޑީ ބީޗަށް ފެތުމާއި، ތާރީހީ ދަ ރޮކްސް ސަރަހައްދު ބަލާލުމާއި، ބަނދަރުގެ މަންޒަރުތައް ބަލާލުމަށާއި ޖަންގަލީގެ ދިރުންތައް ބަލާލުމަށް ޓަރޮންގާ ޒޫއަށް ދިއުމަކީ ވެސް އެންމެ މަގުބޫލު ކަންތައްތަކެވެ. އަދި މިއީ ނިއު ސައުތް ވޭލްސްގެ ވެރިރަށް އަދި އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ސިޓީއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ވެފައިވާ، މެލްބަން:
މެލްބަން އަކީ އޮސްޓްރޭލިޔާގެ ދެކުނުގައި އޮންނަ ވިކްޓޯރިއާ ސްޓޭޓްގެ އައްސޭރިފަށުގެ ވެރިރަށެވެ. މި ސިޓީގެ މެދުތެރޭގައި ހުންނަ ޔާރާ ކޯރުގެ އައްސޭރިފަށުގައި ޕްލާޒާތަކާއި، ރެސްޓޯރެންޓްތައް ހިމެނެއެވެ. މެލްބަން އާޓްސް ޕްރިސިންކްޓްގައި ޕާފޯމަންސް އާޓްސް ކޮމްޕްލެކްސްއެއް ކަމަށްވާ މެލްބަން އާޓްސް ސެންޓަރާއި އޮސްޓްރޭލިއަން އަދި އިންޑިޖިނިއަން އާޓްސް ދައްކާލާ ނެޝަނަލް ގެލެރީ އޮފް ވިކްޓޯރިއާ ހިމެނެ އެވެ.
5 މިލިއަނެއްހާ މީހުން އުޅޭ މި ސިޓީގައި 2453 ސްކޮއާ ކިލޯ މީޓަރު ހުރެއެވެ.
ގްރޭޓް ބެރިއާ ރީފް، މިއީ ކަނޑު އަޑީގެ ގުދުރަތީގެ ހިތްގައިމު ކަމުން މުއްސަނދިވެފައިވާ ތަނެއް:
ގްރޭޓް ބެރިއާ ރީފް އަކީ އޮސްޓްރޭލިޔާގެ ކުއީންސްލޭންޑްގެ އައްސޭރިފަށުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު މުރަކަ ފަރުގެ ނިޒާމެވެ. 1981 ވަނަ އަހަރު ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ލިސްޓްކޮށްފައިވާ މި ސައިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ މުހިންމު އިކޯސިސްޓަމެކެވެ.
މި ތަނުގެ ގުދުރަތީ ހިތްގައިމު ކަމުގެ ތަޖުރިބާ ކޮށްލުމަކީ އެ ގައުމަށް ކުރާ ދަތުރެއްގައި ކޮށްލަން ރަނގަޅު ކަމަކަށް ވާނެއެވެ. ސްނޯކްލިން، ޑައިވިން، ސެއިލިންގް، ކަޔަކިން، ސީނިކް ފްލައިޓްސް އަދި އައިލެންޑް ރިސޯޓް އެކްސްޕްލޯރިން ފަދަ އެތައް ކަމެއްގެ ތަޖުރިބާ ކޮށްލެވޭނެއެވެ.
އޮސްޓްރޭލިއާއަށް ހާއްސަ ޖަނަވާރެއް ކަމަށްވާ ކެންގަރޫތައް ބަލާލާ ތަފާތު ތަޖުރިބާއެއް ކޮށްލުމަށް 'ކެންގަރޫ އައިލެންޑް':
ދެކުނު އޮސްޓްރޭލިއާގެ އެޑިލައިޑްގެ ހުޅަނގު ދެކުނުން 110 ކިލޯމީޓަރު ދުރުގައި އޮންނަ ކެންގަރޫ އައިލެންޑަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އޮސްޓްރޭލިޔާގެ ތިން ވަނަ އަށް އެންމެ ބޮޑު ރަށަކީ މި ރަށަށް ވާއިރު، ތަފާތު ލޭންޑްސްކޭޕްތަކާއި، ފާހަގަކޮށްލެވޭ ހިލަ ފަރުބަދަތައް ހިމެނޭ އިރު، ފެރީ ނުވަތަ މަތިންދާބޯޓުގައި ވެސް އެ ރަށަށް ދަތުރު ކުރެއެވެ.
މި ތަނަށް ދަތުރު ކުރުން އެންމެ ރަނގަޅީ މާޗް އާއި މެއި މަހާއި ދެމެދުއެވެ. އޮސްޓްރޭލިއާއަށް ހާއްސަ ކެންގަރޫގެ އިތުރުން ސީ ލަޔަންސް އާއި ކޯލާ ވެސް މި ތަނުން ފެންނާނެއެވެ.
މީގެ އިތުރުން ވެސް އޮސްޓްރޭލިއާގައި ޒިޔާރަތް ކުރާން ރީތި މަންޒިލްތަކާއި ބަލާލަން ހިތްގައިމު އެތައް ތަނެއް ވެއެވެ. އެހެންކަމުން ޗުއްޓީގައި މި ގައުމަށް ޒިޔާރަތް ކުރާނަމަ މި ތަންތަނުގެ އިތުރުން ވެސް ސަގާފީ ކަންކަމުގެ ތަޖުރިބާ ކޮށްލުމަކީ ދަތުރު އިތުރަށް ފުރިހަމަވެގެން ދާނެ ކަމެކެވެ.
