މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނެރުނު އިއުލާނަކީ އެންމެން ކޮންޓްރޯލްކުރަން ނެރުނު އެއްޗެއް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުން ޝާއިއުކުރި ކާޓޫން ސެގްމަންޓެއްގެ މައްސަލަ މީޑިއާ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކާޓޫނު އެއްވެސް މީހަކު ދައުރު ނުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ވިދާޅުވެ ސަރުކާރުން ހެދީ ދޮގުކަން ވަރަށް ސާފު ކަމަށެވެ. ރައްޔިތުންނަށް އާންމުވެގެންވާ އެންގުމެއް އެންގުމުގެ ބާރު އެ ކޮމިޝަނަކަށް ނޯންނާނެކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ހިޔާލު ފާޅުކުރުމާއީ ނޫސްވެރިކަމުގެ މިނިވަންކަން ފޭރިގަންނަމުން ދަނީ ނުރައްކާތެރި ރޭޓެއްގައި ކަމަށެވެ. ދައުރުގެ ބާކީ އޮތް ބައިގައި ކޮންމެ ދިވެއްސަކު ދައްކާ ވާހަކަ އާއި، ކުރާ ކަންކަމާއި، ލިޔާ ލިޔުންތަކާއި، ކުރަހާ ކުރެހުންތަކާއި، އަޅާ ކޮންމެ ފިޔަވަޅެއް ކޮންޓްރޯލް ކުރެވޭނެ ކަމަށް ދެކިގެން ނުވާނެކަމަށް ވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.

މީޑިއާ ކޮމިޝަނުން ބަލަމުން އަންނަނީ އަދަދު ނޫހުން ޝާއިއުކުރި ކާޓޫނުގައި އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.