އަދަަދު ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމަންޓްގައި ޕޯސްޓްކުރި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ ބަލަމުންދާތީ އެ މައްސަލާގައި ހިމެނޭ ކާޓޫން ޕޯސްޓް ދައުރު ނުކުރުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން އަންގައިފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ވަނީ 'އަދަދު' ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ވަނީ 'އަދަދު' ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް ވެސް އެ ނޫހަށް ވަނީ އަންގާފައެވެ. އެ މައްސަލައިގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ވެސް އެ ނޫހަށް އަންގާފައި ވެއެވެ.
މިއަދު އެ ކޮމިޝަނުން ބުނީ އެ ކޮންޓެންޓަކީ ސޯޝަލް މީޑިއާ އިން ޑިލީޓްކުރަން އަންގާފައިވާ ކޮންޓެންޓަކަށް ވާތީވެ އެ ކޮންޓެންޓް އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އަންގައި އިއުލާންކުރާ ކަމަށެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަންގެ އެ ތުހުމަތުތަކަށް ރައްދުދެމުން 'އަދަދު' ނޫހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުން ޝާއިއުކުރި ކާޓޫނުގައި ދައްކަނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ. އަދި އެފަދަ ކާޓޫނެއް އުފައްދާފައި ވަނީ ރާއްޖޭގައި ވައްކަން ކުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، މިސްކިތުން ވެސް ވައްކަން ކުރުމަކީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ ކަމެއްކަން، އާދަވެ މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.
