ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ކޮންގްރެސް ޕާޓީގެ ހާއްސަ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ކަނޑު ފަޅުން ދިން ގޯތިތައް ހިއްކައި ނިންމައި، ހަވާލު ކުުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެގޮތުގެ މަތިން ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ނިމިފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި،" ރައީސް ވިދާޅުވިއެވެ.

އަދި ކުރިން ދީފައިވާ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކުރިއަށްދާ ކަމަށާއި 4،000 ފްލެޓްތައް ހަވާލުކޮށްވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށް ރަސްމާލެ މަޝްރޫއުގެ ކަންތައްތައް ވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ކުރިއަށްގެންދިޔަ ޕީއެންސީގެ ޖަގަހަ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ހުޅުމާލެ ތިންވަނަ ފިޔަވައްސަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއެކެވެ. ކުރީ ސަރުކާރުން ފެށި މި މަޝްރޫއު މި ސަރުކާރުން ނިންމާލާފައިވަނީ ހޮލެންޑުން 2 ޑްރެޖަރު ގެނެސްގެންނެވެ. އެ ޑްރެޖަރަކީ އެއް ފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތް ނިންމާލާފައިވަނީ 2 މަސް ދުވަސް ތެރޭގައެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.