ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރަމުން އަންނަ ހުޅުމާލެ ފޭސް 3ގެ މަގު ހެދުމާއި ޔޫޓިލިޓީ ހިދުމަތް ފޯރުކޮށް ދިނުމަކީ ދެން އެންމެ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތް ކަމަށާއި އެ މަސައްކަތް ފަށަށް މާ ގިނަ ދުވަހެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ދޮރުންދޮރަށް ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ހުޅުމާލެ ފޭސް 3 ގެ ޔުޓިލިޓީ ހިދުމަތްތައް ދިނުން އަވަސްކޮށް ދިނުމަށް އެދި ހުށަހަޅަމުން އަންނަ ކަން ފާހަގަކުރައްވާފައެވެ. އެޗްޑީސީ އިން އެ މަސައްކަތަށް ބޭނުންވާ ސާމާނާއި މެޓީރިއަލްސް ހޯދައި ތައްޔާރީތައް ވަމުން އަންނަ ކަަމށް ރައީސް ވިދާޅުވިއެވެ.
ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން އެތަނުން ގޯތި ދޭން ނިންމިއިރު އެތަން އޮތީ ނުވެސް ހިއްކާ ކަމަށެވެ. ހުޅުމާލެ ފޭސް 3 ގެ ހިއްކަން އޮތް ސަރަހައްދަކީ ވަރަށް ފުންކޮށް އޮތްތަނެއް ކަމަށާއި އެތަން ހިއްކަން ވަރަށް ދުވަސް ހޭދަވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެތަން ހިއްކައި ނިންމުމަށްފަހު މިހާރު ސާވޭކޮށް އެ ސަރަހައްދުން ބިން ލިބުނު މީހުންނަށް އަންނަނީ އިން ވަކިކޮށް ގޯތި ހަވާލު ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3 ގެ މަގު ހެދުމާއި ބޭނުންވާ ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް އެޗްޑީސީން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ފަށާނެ ސީދާ ތާރީހެއް ހާމަ ނުކުރެއްވި ނަމަވެސް ރައީސް ވިދާޅުވީ، އެ ކަމަކީ މިހާރު އެންމެ އިސްކަމެއް ދީގެން ދެން ކުރަން ނިންމާފައިވާ މަސައްކަތް ކަމަށެވެ. އަދި އެކަމަށް މާގިނަ ދުވަހެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
