ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 3 އިން ގޯތި ދޫކުރުމަށްޓަކައި އެ ސަރަހައްދު ސާވޭކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާ ގުޅިގެންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން ގޯތި ދޫކޮށްފައިވެއެވެ. އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ޖުމްލަ 699 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު:

1650 އަކަފޫޓުގެ 181 ގޯތި

2050 އަކަފޫޓުގެ 242 ގޯތި

2450 އަކަފޫޓުގެ 132 ގޯތި

2850 އަކަފޫޓުގެ 62 ގޯތި

3250 އަކަފޫޓުގެ 41 ގޯތި

3650 އަކަފޫޓުގެ 16 ގޯތި

4000 އަކަފޫޓުގެ 24 ގޯތި ހިމެނެއެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބިޔަ މަޝްރޫއު ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. މިގޮތުން ހުޅުމާލެ ފޭސް 3 ގެ މަސައްކަތް އަވަސްކުރުމަށްޓަކައި ހޮލެންޑުން 2 ޑްރެޖަރު ގެނެސްގެން ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނޭ އެއް ޑްރެޖަރަކީ އެއް ފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި އުޅަނދެކެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ގޯތިތަކުގެ އިންވަކިކޮށް، ހައްގުވެރިންނާ ބިން ހަވާލުކޮށް ނިންމުމެވެ.