ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރަމުން އަންނަ ހުޅުމާލެ ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ޖުމްލަ 3423 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު، ބިން ވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ބިން ހިއްކާ ނިމިފައިވާ ހުޅުމާލެ ތިން ވަނަ ފިޔަވެއްސާއި ގުޅިފަޅުން އިން ވަކިކޮށް ގޯތި ދެމުން އަންނަ އިރު، ިހާޓަނަށް 3423 ފަރާތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ގޮތުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު 451 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު ގުޅިފަޅުން ގޯތި ލިބުނު 2972 ފަރާތްކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ގޯތިތަކުގެ އާ އެގްރީމެންޓުގައި ސޮއިކުރެވޭ މިންވަރަކުން ޕްލޮޓްތަކުގެ އިން ވަކިކޮށް ޕްލޮޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އިން ވަކިކޮށް، ހުޅުމާލެ ތިން ވަނަ ފިޔަވަހިން އިން ހަވާލުކޮށްފައިވާ ޕްލޮޓްތަކުގެ އަދަދަކީ 125 ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި އިން ވަކިކޮށް، ގުޅިފަޅުން ހަވާލުކޮށްފައިވާ ޕްލޮޓްތަކުގެ އަދަދަކީ 169 ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ބިން ހިއްކައި ނުނިމެނީސް ކުރީ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފަިއވާ އިރު އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން މިހާރު ބިން ހިއްކައި ނިމޭ ސަރަހައްދުތަކުން އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ އިން ވަކިކޮށް އެ ފަރާތްތަކާ ހަވާލު ކުރަމުން އަންނަ ކަަމަށެވެ. މިހާރު ހުޅުމާލެ ތިންވަނަ ފިޔަވަހިންނާއި ގުޅިފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ގިރާވަރުފަޅު އަންނަ މެއި މަހުގެ ނިޔަލަށް ހިއްކާ ނިމޭނެ ކަމަށާއި އެ މަސައްކަތް ނިމުމުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް އިން ވަކިކޮށް ގޯތި ހަވާލުކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
