މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
އެގޮތުން، މިއަދުވެސް ކިޔުންތެރިންނަށް މި ގެނެސްދެނީ ދިވެހީންގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށާއި ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅޭ އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ޗައިނާއެވެ. ދެ ވަނައަށް އެންމެ ގިނައިން މީހުން ދިރިއުޅޭ އެ ގައުމުގައި 1.4 ބިލިއަނެއްހާ މީހުން އުޅެއެވެ. 34 ޕްރޮވިންސެއްގެ މައްޗަށް އެކުލެވޭ މި ގައުމުގައި ވެރިކަން ކުރަނީ ބެއިޖިންގް ސިޓީ ގައެވެ.
ފައިސާގެ ގޮތުގައި އެ ގައުމުގައި ބޭނުން ކުރަނީ ރެންމިންބީ ކަމަށްވާއިރު މިއީ ދުނިޔޭގައި ފަސް ވަނަ އަށް އެންމެ ގިނައިން ވިޔަފާރި ކުރާ ފައިސާ ވެސް މެއެވެ. ދިގު ތާރީހެއް އެކުލެވޭ މި ގައުމަކީ ދުނިޔޭގައި ވެސް އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ބާރުގަދަ ގައުމެކެވެ. މީގެ އިތުރުން ތަފާތު ކެއުންތަކާއި، ސަގާފަތާއި، ޝަންހާއީ އަދި ޝެންޒެން ފަދަ ސިޓީތައް އެކުލެވޭ މި ގައުމަކީ މިހާރުވެސް ގިނަ ދިވެހީން ހާއްސަ ގޮތެއްގައި ވިޔަފާރީގެ ބޭނުމަށް ޒިޔާރަތް ކުރާ ގައުމެކެވެ.
ޗައިނާއަށް ދަތުރު ކުރުމާ ޓިކެޓުގެ 270 ޑޮލަރުން ފެށިން 1200 ޑޮލަރާ ހަމައަށް އުޅޭއިރު އެ ގައުމުގައި ބެއިޖިންގް އަދި ޝަންހާއީ ފަދަ ސިޓީ ތަކަށް ޑައިރެކްޓް ފްލައިޓްތައް ދަތުރު ކުރެއެވެ. އެގޮތުން މޯލްޑިވިއަން އާއި ޗައިނާ އީސްޓަން އެއާލައިންސްގެ އިތުރުން ސްރީލަންކަން އެއާލައިންސްއިން ވެސް އެ ގައުމަށް ދަތުރުތައް ކުރެއެވެ. ދެން މި ގެނެސްދެނީ އެ ގައުމަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގޮސްލަން ރަނގަޅު ތަންތަނުގެ މައުލޫމާތެވެ.
ގްރޭޓް ވޯލް އޮފް ޗައިނާ އާއި އިތުރު އެތައް ކަމެއް ތަޖުރިބާ ކޮށްލަން ބެއިޖިންގް:
3000 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ބެއިޖިންގް އަކީ ޒަމާންވީ އާކިޓެކްޗާއާއި ތާރީހީ 'ދަ ގްރޭޓް ވޯލް އޮފް ޗައިނާ'ގެ ސަބަބުން ވަރަށް މަޝްހޫރު ސިޓީއެކެވެ. 22 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މި ސިޓީއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީވެސް މެއެވެ.
އަދި ހަމަ އެހެންމެ ތައުލީމާއި، ދިރާސާ، ބަހާއި، ޓޫރިޒަމް، މީޑިއާ، ކުޅިވަރު، ސައިންސް އެންޑް ޓެކްނޮލޮޖީ، ދަތުރުފަތުރުގެ ދާއިރާ އަދި އާޓްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވަނީވެސް މި ސިޓީގައެވެ. މި ބޮޑު ސިޓީގައި ޒިޔާރަތްކޮށްލަން ރަނގަޅި ތަންތަނުގެ ތެރޭގައި:
- ގްރޭޓް ވޯލް އޮފް ޗައިނާ
- ސަމާ ޕެލަސް
- ޗައިނާގެ ގައުމީ ދާރުލްއާސާރު
- ހެޕީ ވެލީ، ބެއިޖިން ހިމެނެއެވެ.
ވިޔަފާރި ދަތުރަކަށް ތާއްޔާރުވާނަމަ މި ތަންތަނަށް ޒިޔާރަތް ކޮށްލުން މުހިންމު:
އެ ގައުމަކުން ގިނަ އަދަދެއްގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓު ކުރާ އެއް ގައުމަކަށް ޗައިނާ ވާނެއެވެ. ގޭގަ ގެންގުޅޭ ސާމާނުން ފެށިގެން ފަރުނީޗަރާއި ބަދިގެ ސާމާނުގެ އިތުރުން ލާ އަންނައުނު ގެނައުމުގައި ވެސް ދިވެހީން ގިނައިން ހިޔާރު ކުރާ އެއް ގައުމަކީ މިއީއެވެ. ހެޔޮ އަގުގެ އިތުރުން ތަފާތު ބާވަތްތަކުގެ ކޮލިޓީ ރަނގަޅު ވުމަކީވެސް އެ ގައުމުން ވިޔަފާރި ކުރާ މައިގަަނޑު ސަބަބެވެ. އެހެންކަމުން ވިޔަފާރި ކުރުމަށް މިތަންތަން ހިޔާރު ކުރެވިދާނެއެވެ.
- ޝަންހާއީ އައިއެފްސީ މޯލް (ލަގްޒަރީ އަދި ޑިޒައިނާ ބްރޭންޑުތަކުގެ ވިޔަފާރިއަށް)
- ޝަންހާއީގެ ހޮންގްކިއާއޯ ޕާލް މާކެޓް (ގަހަނާގެ ވިޔަފާރިއަށް)
- ލޭޑީސް މާކެޓް / މޮންގް ކޮކް (ހެޔޮ އަގުގައި އަންނައުނު އަދި ސުވެނިއާ ފަދަ ތަކެތީގެ ވިޔަފާރިއަށް)
- ޔީވޫ އިންޓަނޭޝަނަލް ޓްރޭޑް ސިޓީ (ހޯލްސޭލްކޮށް ތަފާތު ބާވަތްތަކުގެ އެއްޗިސް ގަންނަން ބޭނުންވާނަމަ)
އުސް އިމާރާތްތަކާއި ޓެކްނޮލޮޖީގެ ގޮތުން ތަރައްގީވެފައިވާ ހޮންގް-ކޮންގް:
ހޮންކޮންގަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު މާލީ މަރުކަޒެވެ. ވިޔަފާރި އަދި އީޖާދުތަކުގެ ޑައިނަމިކް ހަބެއްގެ އިތުރުން އެ ގައުމުގެ ގިނަ ޓޫރިސްޓް އެޓްރެކްޝަންތަކާއި މިއުޒިއަމްތަކާއި ލަގްޒަރީ ހޮޓާތަކުން ދައްކުވައިދޭ މުއްސަނދި، ކޮސްމޮޕޮލިޓަން ތާރީހާއި ސަގާފަތް އޮންނަ މަންޒިލެކެވެ.
- ސްޓާ ފެރީ އާއި އެވެނިއު އޮފް ސްޓާސް
- ވިކްޓޯރިއާ ހާބާ
- ސްޓްރީޓް ނައިޓް މާކެޓް
- އޯޝަން ޕާކް
- ޑިޒްނީ ލޭންޑް
- އެމް ޕްލަސް މިއުޒިއަމް
ދުނިޔޭގެ ވިޔަފާރީގެ ހަބުގެ ގޮތުގައި މަޝްހޫރު ޝަންހާއީ:
ޗައިނާގެ މެދުތެރޭ އައްސޭރިފަށުގައި އޮންނަ ޝަންހާއީ އަކީ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި ހަބެކެވެ. ޝަންހާއީ ޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ ކޮންޓެއިނަރު ބަނދަރު ކަމަށްވާއިރު 19 ވަނަ ގަރުނުގައި ޝަންހާއީ އަކީ މަސްވެރި ވިލެޖެކެވެ. މި ސިޓީގައި ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަނުގެ ތެރޭގައި ދަ ބަންޑް (ވެއިޓަން)، ޔޫ ގާޑަން، ޝަންހާއީ ޓަވަރު، އޮރިއެންޓަލް ޕާލް ޓީވީ ޓަވަރުގެ އިތުރުން ޝަންހާއީ ސަރްކަސް ވޯލްޑް ހިމެނެއެވެ.
ބޮޑެތި ޕެންޑާތައް ބަލާލަން ބޭނުންނަމަ ޗެންގްޑޫ:
ޗެންގްޑޫ އަކީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ވެރިރަށެވެ. 2011 ވަނަ އަހަރު ޔުނެސްކޯ އިން ވަނީ މި ސިޓީ ގެސްޓްރޮނޮމީ ސިޓީއެއްގެ ގޮތުގައި ބަލައިގަނެފައެވެ. މިއީ ޗައިނާގެ ސިޗުއާންގައި ދިރިއުޅޭ ޗައިނާގެ ގައުމީ ރަމްޒެއް ކަމަށްވާ ޖަޔަންޓް ޕެންޑާއާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ސަރަހައްދެކެވެ.
މީގެ އިތުރުން ވެސް ޗައިނާގައި ބަލާލަން ހިތްގައިމު އެތައް ސަތޭކަ ތަނަކާއި ޒިޔާރަތްކޮށްލަން ރަނގަޅު އެތައް މަންޒިލެއް ވެއެވެ. އެހެން ކަމުން ޗުއްޓީގައި ދަތުރެއް ރާވާނަމަ މި ގައުމަށް ދަތުރެއް ރޭވުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރަމެވެ.
