ހއ. ދިއްދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ 36 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމާ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ އެކު ބޭނުންވާ އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ ލެއިވް އައިރިކްސަން ބޭނުންކޮށްގެން ދިއްދޫ އެއާޕޯޓުގެ ބިން ހިއްކަން ފެށީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެމްއޭސީއެލުން ބުނީ މި ޑްރެޖަރަކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރަޖަރެއް ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރުގެ އިތުރުވެގެންދާނެއެވެ. އަދި ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އާ ވިޔަފާރިތައް ގާއިމުކުރެވިގެން ދިއުމާއެކު ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެއެވެ.
