މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު 3 މަޝްރޫއު ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފިއެވެ.

ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށާއި އެ މަޝްރޫއުތައް ދީފައިވާ ތާރީހަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ މިއަދަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް އަދި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއްކަމަށާއި، އެމްއޭސީއެލްއަށް އިތުބާރު ކުރައްވާ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރެއްވީތީ މުޅި ކުންފުނީގެ ނަމުގައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަހަށް މަޝްރޫއު ނިންމެވުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވި ކަމަށާއި، އެއާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި "ލީވް އެރިކްސަން" ނަމަކަށް ކިޔާ މި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެކެވެ. އަދި މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒު ކަމުގައިވާ 100 ހެކްޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. މިހެންކަމުން، މި މަޝްރޫއު ނިމުމުން ދިއްދޫގެ ބިމުގެ ޖާގަ ދެ ގުނަ ބޮޑު ވާނެ އެވެ.