ހ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކައި، 18.75 ޕަސެންޓްގެ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނީ، މި މަޝްރޫއުގެ ބިން ހިއްކުމަށް ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ ކަމަށްވާ ލެއިވް އެރިކްސަން ކަމަށެވެ.

"ލީވް އެރިކްސަން" ނަމަކަށް ކިޔާ މި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެއް ވެސް މެއެވެ. އަދި މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިވަގުތު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައި ކަމަށް އެމްއޭސިއެލް އިން ބުނެއެވެ. އެއާއެކު މަޝްރޫއުގެ 18.75 ޕަސެންޓް ވަނީ ނިމިފައެވެ. މި މަޝްރޫއު ނިމުމުން އެއާޕޯޓް ތަރައްގީ ކުރުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށާއި، މުޖުތަމައުގެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ބިން ލިބިގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައި ވަނީ 111 ހެކްޓަރެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒު ކަމުގައިވާ 100 ހެކްޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. އެހެންކަމުން މި މަޝްރޫއު ނިމުމުން ދިއްދޫގެ ބިމުގެ ޖާގަ ދެ ގުނަ ބޮޑު ވެގެން ދާނެއެވެ.