މި ސަރުކާރުން ވަނީ ތައުލީމަކީ ގައުމީ ތަރައްގީގެ އެންމެ މުހިންމު އަސާސްގެ ގޮތުގައި ކަނޑައަޅާފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ ތައުލީމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ކުރިއެރުމުގެ މައިގަނޑު ބިންގާކަން އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި ތައުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުވުމަށާއި، އެންމެހައި ފަރުދުން ޝާމިލުވާގޮތަށް ހެޔޮ ބަދަލުތަކެއް ތައުލީމީ ނިޒާމަށް ގެނައުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި، އަދި ދަރިވަރުންގެ ތައުލީމީ ލޯނުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ފާއިތުވި 2 އަހަރު ތެރޭ މި ސަރުކާރުން ދޫކޮށްފައިވާކަމަށެވެ.
ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ ސަބަބުން މުސްތަގުބަލު އުޖާލާވެ ހަރުދަނާ ގައުމެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ރައީސް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށް ކޮންމެ ދަރިވަރަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުސަތު ހޯދައިދީ ގައުމުގެ ތަރައްގީގައި އެކުދިންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.
ދަރިވަރުންނަށް ތައުލީމުގެ ފުރުސަތުތައް ލިބޭނެ މަގު ފުޅާކުރުމަށްޓަކައި މި ސަރުކާރުން ވަނީ ގްރޭޑް 11 އަދި 12 ކިޔަވާ ކްރައިޓީރިއާވެސް ދަށްކޮށްފައެވެ. އެގޮތުން ރާއްޖޭގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ، އޯލެވެލްއިން ފަސް މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވާ ދަރިވަރުންނަށް ނަމަވެސް ވަރަށް ފަހުން ވަނީ ފާސްވާ ނިސްބަތް ތިން މާއްދާއަށް ދަށްކޮށްފައެވެ.
އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަކީވެސް މި ސަރުކާރުގެ އަމާޒެކެވެ.
