'އަދަދު' ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫން" ސެގްމެންޓް ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އަދަދު ނޫހުން ޝާއިއުކުރި ކާޓޫނާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ވަނީ 'އަދަދު' ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ވަނީ 'އަދަދު' ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް ވެސް އެ ނޫހަށް ވަނީ އަންގާފައެވެ. އެ މައްސަލައިގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ވެސް އެ ނޫހަށް އަންގާފައި ވެއެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަންގެ އެ ތުހުމަތުތަކަށް ރައްދުދެމުން 'އަދަދު' ނޫހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުން ޝާއިއުކުރި ކާޓޫނުގައި ދައްކަނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ. އަދި އެފަދަ ކާޓޫނެއް އުފައްދާފައި ވަނީ ރާއްޖޭގައި ވައްކަން ކުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، މިސްކިތުން ވެސް ވައްކަން ކުރުމަކީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ ކަމެއްކަން، އާދަވެ މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.
އަދި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ އެ ކާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ ކޮމިޝަންގެ ސިޓީއަށް ޖަވާބުދާރީވާން ފަސޭހަވާނީ، އިސްލާމްދީނުގެ އަސްލަކާ އެ ކޮންޓެންޓު ހިލާފުވިކަމަށް ތުހުމަތު ކުރެވުނު ގޮތް ފެނުނު ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމުން ކަމަށް ވެސް ބުނެފައިވެއެވެ.
