ފަލަސްތީނުގެ ހުޅަނގު އައްސޭރި ފޭރިގަނެގެން ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ތެރެއިން 18 މީހަކަށް ބަޑި ބޭނުން ކުރުމުގެ ހުއްދަ އިޒްރޭލުން ދީފިއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީން ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ނެރެމުން ޔަހޫދީ އާބާދީތައް އަޅަމުން ގެންދަމުން އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ އުދުވާނުތައްވެސް އިތުރު ކުރަމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަހަރު އެކަނިވެސް ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ކުރުމާއި މެރެމުގެ 1800 އަށް ވުރެ ގިނަ ހާދިސާ ހިނގާފައި ވެއެވެ. އެވްރެޖްކޮށް ދުވާލަކު 5 ހާދިސާއެއް ހިނގާއިރު އޭގެ ތެރޭގައި ބަޑިޖަހާ މެރުމާއި، ގެދޮރުން ނެރެ ގެ ތަޅާލުމާއި ނިދާފައި ތިއްބާ ގޭގައި ހުޅުޖެހުން ފަދަ އަނިޔާވެރި އެތައް ކަމެއް ހިމެނެއެވެ.

ހައްދުފަހަނައަޅާފައިވާ ވަޒީރު އިތަމާރު ބެން ގަވީރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިއަދު 18 މީހަކަށް ބަޑިބޭނުން ކުރުމުގެ ހުއްދަ ދީފައި ވާއިރު މި މީހުންނަކީ ފާޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ކުރާކަމުގެ ރެކޯޑް އޮންނަ މީހުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސްފައިވާ މި ވަގުތުގައި ވެސް، ބޮޑުވަޒީރު ނަތަންޔާހޫގެ ހުއްދައެއްގެ ދަށުން ހުޅަނގު އައްސޭރީގައި އިތުރު އާބާދީތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ދުނިޔެއިން ގޮވާލައި ގޮވާލުމަށް ހުރަސްއެޅުމަށާއި އދ ސަލާމަތީ މަޖިލީހުން އެފަދަ ކަމަކަށް އިތުރަށް ޖާގަ ނުދިނުމުގެ ނުބައި ރޭވުމުގެ ތެރެއިން ކުރާ ކަމެކެވެ.

ބިން ފޭރިގެން ދިރިއުޅެމުންދާ ޔަހޫދީންގެ އަތުގައި އެމެރިކާގައި އުފައްދާފައިވާ އެމް16 މަރުކާގެ ރައިފަލާއި، ފިސްތޯލައާއި ޑްރޯންވެސް ހުރެއެވެ. އިޒްރޭލުން ބުނަނީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލައިވް ވަޒަނާއެކު ހަތިޔާރު ގެންގުޅެން ޖެހޭ ކަމަށެވެ.

ފަލަސްތީނުގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް އިޒްރޭލުން ހިންގާ އުދުވާނުގައި މިހާރު ބިނާކުރަމުން ދާ އަވަށްތަކުގެ އިތުރުން އާ ޕްލޭންގައި އޮތީ ރާމަﷲ ހުރަސްކޮށް އުރުދުންގެ ވާދީއާ ހަމައަށް އަވަށްތަށް ފަތުރާލުމަށް ރާވާފައެވެ.

ހުސްވި ޑިސެމްބަރުމަހު އެކަނިވެސް 19 ގެއެއް ހަދާ މީހުން ވަދެފައި ވެއެވެ. އެތަންތަން ހަދާފައި ވަނީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޖަރޫސަލަމް ގައެވެ. އެ ސަރަހައްދުތަކުގައި މިހާރު ޖުމްލަ 210 އާއިލާއެއް ވަނީ ވަޒަންވެރި ކުރުވާފައެވެ.

އިޒްރޭލުގެ މި މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފަށް ބިން ފޭރުމަށް ހިންގާ އުދުވާނެއް ކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނިންމާފައި ވީ ނަމަވެސް އެއީ އިޒްރޭލުން އަޅާލާ ކަމެއް ނޫނެވެ.

ބެން ގަވީރް އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް 240،000 އަށް ވުރެ ގިނަ އާންމުންގެ އަތުގައި ހަތިޔާރު ހުންނާނެއެވެ.