މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މިއަދު ކިޔުންތެރިންނަށް ގެނެސްދޭން މިއުޅެނީ، ފަރުބަދަތަކުގެ މައްޗަށް އެކުލެވޭ ގައުމެއް ކަމަށްވާ ނޭޕާލަށެވެ. ދެކުނު އޭޝިއާގެ ގައުމެއް ކަމަށްވާ ނޭޕާލްއަކީ ޗައިނާގެ ދެކުނު އިރުމަތީ އަދި ހުޅަނގުގައި އިންޑިއާއާ އޮންނަ ބޯޑަރު ހިއްސާ ކުރާ ގައުމެކެވެ. މިއީ ދުނިޔޭގެ އެންމެ އުސް 10 ފަރުބަދައިގެ ތެރެއިން 8 ފަރުބަދަ ހިމެނޭ ގައުމެވެ.

ތަފާތު ނަސްލުތަކުގެ މައްޗަށް އެކުލެވޭ މި ގައުމުގައި ވެރިކަން ކުރަނީ ކަތަމަންޑޫގައެވެ. 29 މިލިއަންގެ އާބާދީއެއް އޮންނަ ނޭޕާލުގައި ފައިސާގެ ގޮތުގައި ބޭނުން ކުރަނީ ނޭޕާލީސް ރުޕީސްއެވެ. އަދި އަމިއްލަ ބަހެއް އޮންނަ މި ގައުމުގައި ވާހަކަ ދައްކަނީ 'ނޭޕާލީ' ބަހުރުވައިންނެވެ. އެ ގައުމުގެ 80 ޕަސެންޓު މީހުންނަކީ ހިންދޫ ދީނުގެ މީހުންނަށްވާއިރު 9 ވަރަކަށް ޕަސެންޓު މީހުންނަކީ ބުދިސަމްއެވެ. އަދި 5 ޕަސެންޓު މުސްލިމުން އެ ގައުމުގައި އުޅެއެވެ.

ނޭޕާލް ކުޑަކުދިންތަކެއް

މާލެއިން އެ ގައުމުގެ ވެރިރަށް ކަތަމަންޑޫއަށް ދަތުރު ކުރުމަށް ސީދާ ފްލައިޓެއް ނޯވެއެވެ. އެހެންކަމުން އެ ގައުމަށް ދަތުރު ކުރާނަމަ އެހެން ގައުމަކަށް 'ލޭއޯވާ' ކުރަން ޖެހޭނެއެވެ. 270 ޑޮލަރާއި 700 ޑޮލަރާ ދެމެދު ޓިކެޓު އަގު އުޅޭއިރު ތަފާތު އެކި ދުވަސްވަރު ޓިކެޓުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގައުމަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރޭގައި ސްރީލަންކަން އެއާލައިން، އެމިރޭޓްސް އަދި ފްލައި ދުބާއީ ހިމެނެއެވެ. ދެން މި ގެނެސްދެނީ އެ ގައުމަށް ގޮސް ޒިޔާރަތްކޮށްލަން ހިތްގައިމު ތަންތަނުގެ މައުލޫމާތެވެ.

ހިތްގައިމުކަމުން ފުރިގެންވާ ޕޮކަރާ:

މިއީ ނޭޕާލްގެ 'ފެވާ ލޭކް' ކައިރީގައި އޮންނަ ސިޓީއެކެވެ. އިރުމަތީ އައްސޭރިފަށުގައި ޔޯގާ ސެންޓަރުތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ފަރުބަދައަށް އެރުމުގެ ތާރީހާއި ހިމާލަޔަން މީހުންގެ ތާރީހު ދައްކުވައިދޭ ކުރެހުންތައް ބަހައްޓާފައި ވެއެވެ. ކަތުމަންޑޫގެ ހުޅަނގުން 200 ކިލޯމީޓަރު ދުރުގައި އޮންނަ މި ތަނަކީ ދަތުރު އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން ގުދުރަތީ މާހައުލަށް ލޯބިކުރާ ފަރާތްތަކަށް ހިތްގައިމު ތަނެކެވެ.

ހިތްގައިމު ޕޮކަރާ

މީގެ އިތުރުން ހިމާލަޔާ ފަރުބަދަތަކުގެ ހިތްގައިމު މަންޒަރުތަކަށް މަޝްހޫރުވެފައިވާ ޕޮކަރާގެ ބޭރުގައި އޮންނަ ހިލް ސްޓޭޝަނެއް ކަމަށްވާ 'ސަރަންގްކޮޓް' އަށް ވެސް ޒިޔާރަތް ކޮށްލެވިދާނެ އެވެ.

ޗިޓްވާން ނޭޝަނަލް ޕާކް، ގުދުރަތީ އެތައް ޖަނަވާރުތަކެއް ބަލާލުމަށް:

ނޭޕާލްގެ ޖަންގަލީގެ ދިރުންތައް ބަލާލަން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު މަންޒިލެވެ. އެ ގައުމުގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ މި ޕާކުގައި ތަފާތު ވައްތަރުގެ ޖަނަވާރުތަކުގެ އިތުރުން ރީތި ދޫނި ސޫފާ ސޫފިތައް އެކުލެވެއެވެ. 952 ކިލޯމީޓަރުގެ ބޮޑު މި ޕާކު ހުޅުވީ، 1973 އަހަރުއެވެ.

ގުދުރަތީ އެކި ޖަނަވާރުތަކުން ފުރިގެންވާ ޗިޓްވާން ނޭޝަނަލް ޕާކް

ދުނިޔޭގެ އެންމެ އުސްފަރުބދައިގެ ތަޖުރިބާ ކޮށްލަން، މައުންޓް އެވަރެސްޓް:

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓް ފަރުބަދައަކީ ނޭޕާލަށް ދަތުރެއް ރާވާނަމަ ޒިޔާރަތްކޮށްލަން ރަނގަޅު ތަނެކެވެ. ފަރުބަދައަށް އަރަން ޝައުގުވެރިވާ މީހުންނަށް މިއީ ރަނގަޅު ތަޖުރިބާއަކަށްވާނެއެވެ. މި ފަރުބަދައަށް އެރުމަށް ދެ މަގެއް އޮވެއެވެ. އެއް މަގަކީ ނޭޕާލްގެ އިރުމަތީ ފަރާތު (ސްޓޭންޑާޑް ރޫޓް) އަދި އަނެއް މަގަކީ ޓިބެޓްގެ އުތުރުންނެވެ.

މި ފަރުބަދައަށް އެރުމުގެ ތެރޭގައި ހިނގި އެކި ހާދިސާތަކުގައި 340 މީހުން މަރުވެފައިވާއިރު އެކި ގޮންޖެހުންތަކާ ހުރެ 200 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ނެގިފައި ނުވާ ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.

މައުންޓް އެވަރެސްޓް، މި ތަނުގައި އެކި ހާދިސާތައް ހިނގާފައިވޭ

ފަރުބަދަތަކުގެ މައުލޫމާތު އެއްތަނަކުން ހޯދުމަށް 'އިންޓަނޭޝަނަލް މައުންޓަން މިއުޒިއަމް':

އަހަރަކު 100،000 އަށް ވުރެ ގިނަ ފަތުރުވެރިނ ޒިޔާރަތް ކުރާ މި ދާރުލްއާސަރަކީ ފަރުބަދަތަކާ ގުޅޭ ރީގެ އަދި މިހާރުގެ ކުރިއެރުންތައް ރެކޯޑްކޮށް، ލިޔެ، ރައްކާކޮށްފައިވާ ދާރުލްއާސާރެކެވެ. މި މިއުޒިއަމްގައި މައިގަނޑު ތިން އެގްޒިބިޝަން ހޯލެއް ހުރެ އެވެ. އެއީ ގްރޭޓް ހިމާލަޔާ ހޯލް، ހޯލް އޮފް ފޭމް އަދި ވޯލްޑް މައުންޓަންސް ހޯލް އެވެ.

މި އެގްޒިބިޝަންތަކުގެ ތެރޭގައި ނޭޕާލްގެ ސަގާފަތާއި އާދަކާދަތައް ރަމްޒުކޮށްދޭ ފަރުބަދަތަކަށް އަރާ މީހުންގެ ޕްރޮފައިލްތަކާއި، ފަރުބަދަތަކަށް އެރި މީހުންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ގަސްގަހާގެއްސާއި ޖަނަވާރުތަކާއި ޖިއޮލޮޖީ ހިމެނެ އެވެ.

ފަރުބަދަތަކާ ގުޅޭ އެކި މައުލޫމާތު ރައްކާކޮށްފައިވާ 'އިންޓަނޭޝަނަލް މައުންޓަން މިއުޒިއަމް'

ކަތުމަންޑޫ ދަރްބާރް ސްކޮޔާ، މިއީ އެ ގައުމުގެ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ މުހިންމު ސަރަހައްދެއް:

ނޭޕާލްގެ ކަތުމަންޑޫގައި އޮންނަ ތާރީޚީ އަދި ސަގާފީ ގޮތުން މުހިންމު ސަރަހައްދެކެވެ. މިއީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްގެ ގޮތުގައި ބެލެވޭ ކަތުމަންޑޫ ވާދީގައި ހުރި ތިން ދަރްބާރުގެ ތެރެއިން އެއް ދަރުބާރެވެ. މި ސްކޮޔަރ ބިނާ ކުރުމުގެ މަސައްކަތް 3 ވަނަ ޤަރުނުގައި ފެށި ނަމަވެސް، އޭގެ ތެރެއިން ގިނަ ބިނާތައް ބިނާކޮށްފައިވަނީ ފަހުގެ ޒަމާންތަކުގަ އެވެ.

ސެންޓްރަލް ސްކޮޔާ ވަށައިގެންވަނީ މަލާ އާއި ޝާހުގެ ޒަމާނުގެ ގަނޑުވަރުތަކެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ގަނޑުވަރަކީ ނޭޕާލް އެއްކޮށްލުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ޕްރިތުވީ ނާރަޔަން ޝާހް ބިނާކުރި ނުވަ ބުރީގެ ގަނޑުވަރެކެވެ.

ކަތަމަންޑޫ ދަރުބާރު ސްކޮޔާ

އިސްވެ ބަޔާންކުރި ތަންތަނުގެ އިތުރުން ވެސް ނޭޕާލުގައި ބަލާލަން ހިތްގައިމު އެތައް ތަނަކާއި ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން އެކުލެވިގެންވެއެވެ. އެހެންކަމުން ދެން ދަތުރެއް ރާވާނަމަ ނޭޕާލް ހިޔާރު ކުރުމަކީ އެންމެ ރަނގަޅު އޮޕްޝަން އަށް ވާނެކަން ކަށަވަރެވެ.