ހުއްދަ ނުނަގައި ބޭސް އެތެރެކޮށް އޮންލައިން ޕޭޖްތަކުން ވިއްކާ މައްސަލަ ބޮޑުވެ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާއި ބެހޭ ގައިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ.
އަދި އިމްޕޯޓްކުރާ ހުރިހާ ބޭހަކީ ވެސް އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް ހުއްދަ ދީފައިވާ ބޭހުގެ ލިސްޓްގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހޭ ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
މީގެ އިތުރުން ވެސް ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގުލުޓައިޑް އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އެޒޭލެކް އެސިޑަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ އޮޅުވާލައިގެން ޕޭޖުތަކުން ވިއްކަމުންދާ ކަަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
"އެފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫން ބޭނުންކޮށްގެންނުވާނެ ބޭހެއް" އެމްއެފްޑީއޭގެ އިއުލާނުގައި ވެއެވެ.
ފާމަސީ ތަކުން ވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުގެ ލިޔެއްދީފައިވާ ބޭސް ސިޓީއަށް ކަމަށާއި ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާއި ނުލައި އެފަދަ ބޭސް ބޭނުންކުރުމުން ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން އެ އޮތޯރިޓީއިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ބޭހާއިބެހޭ ގައިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކާ ފާމަސީތަކާއި ހުއްދަ ނެތް ފާމަސީ ޕްރޮފެޝަނަލުން ބައިތިއްބައިގެން ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭއިން އިއްޔެ ވަނީ ބުނެފައެވެ. ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތްކުރާ އިރު ފާމަސިސްޓާ އައިޑީކާދު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.
