މީޑިއާތަކަށް ދޭ މާލީ އެހީއަށް ޝަރުތު ހަމަވި 40 މީޑިއާއަށް ފައިސާ ދީފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޔޫތް މިނިސްޓްރީން ބުނީ 2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް ފައިސާ މިހާރު ދޫކޮށްފައިވާކަމަށެވެ.
ޔޫތް މިނިސްޓްރީން ބުނީ މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު އެންގުމުން އެ މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައިކަމަށެވެ. އެގޮތުން ޔޫތް މިނިސްޓްރީން ބުނީ 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
އިތުރަށް ޔޫތް މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ އަމިއްލަ މީޑިއާތައް ބާރުވެރިކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވޭ އެހީއެއް ކަމަށެވެ.
ފާހަގަ ކުރެވޭ ގޮތުގައި މީޑިއާތަކަށްދޭ މާލީ އެހީ ދޫކޮށްފައިވަނީ ޔޫތް މިނިސްޓްރީއާއި ބްރޯޑްކާސްޓިން ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ފަދައިން، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން އެ މިނިސްޓްރީން، ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ.
މީގެއިތުރުން މާލީ އެހީ ލިބޭ، ޝަރުތުތައް ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު 1 ޕޭމަންޓެއްގެ ގޮތުގައި ވަނީ ދީފައެވެ.
