ވިލިމާލެއަށް އަލަށް ގެންދިޔަ ޖަނަރޭޓަރު ސެޓު ބޭނުން ކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ މިއީ ކުރިއަށް އޮތް ޕީކް ސީޒަން (ރޯދަ އާއި ހޫނު މޫސުމަށް) ތައްޔާރުވުމުގެ ގޮތުން ގެންދެވުނު ޖެނެރޭޓަރު ސެޓެއް ކަމަށެވެ.
1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުން ކުރަމުންދާކަން ފާހަގަކޮށް ސްޓެލްކޯއިން އިތުރަށް ބުނީ، މި ޖެން ސެޓާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.
އަދި ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ރޯދަމަހަކީ އާންމު ގޮތެއްގައި ވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އެތައް ގުނައެއް އިތުރުވާ މަހެކެވެ. ޚާއްސަކޮށް ހޫނު މޫސުމާއި، ރޯދަ މަސް އެއް ދުވަސްވަރަކާ ދިމާވާތީ ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ރޯދަ މަހަށް މާލެ ސަރަހައްދުގައި އިތުރު 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭ 12 ޖެންސެޓު ބަހައްޓާފައި ވެއެވެ. އަދި ހަމަ އެހެންމެ ޖެނެރޭޓަރުތަކާއެކު ޓްރާންސްފޯމަރު ބެހެއްޓުމާއި އެތަނަށް ބޭނުންވާ ފިއުލް ލައިން އެޅުމާއި ފިއުލް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
ސްޓެލްކޯ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އއ. އުކުޅަހަށްވެސް އިތުރު ޖެންސެޓެއް ގެންގޮސްފަ އެވެ.
އެ ރަށަށް ގެންދިޔައީ 1,000 ކިލޯވޮޓްގެ ޖެންސެޓެކެވެ. އެ ޖެންސެޓަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިންނާއި އުމްރާނީ ގޮތުން އެ ރަށަށް އަންނަމުންދާ ތަރައްގީއާ ގުޅިގެން ކަރަންޓުގެ ހިދުމަތް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ, ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ރަށަށް ގެންދިޔަ ޖެންސެޓެއް ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
