ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވި "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް މިއަދު ސެޓިފިކެޓް ހަވާލުކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ، "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 4 އިން 12 އާ ދެމެދު އެވެ. މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ބައިތައް ކުރިއަށް ގެންގޮސްފައި ވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ހަމައެއާއެކު، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސާވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ އަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.