މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
މި ލިޔުމުގައި ވެސް ކިޔުންތެރިންނަށް ގެނެސްދޭން މިއުޅެނީ ދިވެހީންނަށް އެހާ ފަރިތަ ގައުމަކަށް ނުވެދާނެއެވެ. ނަމަވެސް މި ގައުމުގެ ހިތްގައިމު ކަމާއި ރީތިކަމަކީ އެއް ފަހަރު ނަމަވެސް ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުސަތަކަށްވާނެއެވެ. އޮފީހުގެ ބުރަ ކަމުން ދުރުވެލާ ބޯ ހަމަ ޖައްސާލުމަށް ޗުއްޓީ ހޭދަކޮށްލަން ދާނަމަ މިއީ ހަމަ އެއްވަނައިގެ ގައުމެކެވެ.
އަޒަރުބައިޖާން އަކީ އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިއާ ސަރަހައްދަށް ފެތުރިފައި އޮންނަ ގައުމެކެވެ. ކުރީގެ ސޯވިއެޓް ރިޕަބްލިކެއްގެ ގޮތުގައި އޮތް އަޒަރުބައިޖާންއަކީ ތެލާއި ގޭހުން މުއްސަނދިވެފައިވާ ގައުމެކެވެ. އެގައުމުގައި ވެރިކަން ކުރަނީ 'ބަކޫ' ގައެވެ.
10 މިލިއަނަށްވުރެ ބޮޑު އާބާދީއެއްް އޮންނަ އަޒަރްބައިޖާނަކީ ގިނައިން މުސްލިމުން އުޅޭ ގައުމެކެވެ. މަތީ މެދުފަންތީގެ އާމްދަނީއެއް ލިބޭ މި ގައުމަށް ސީދާ ދަތުރު ކުރާނަމަ 7-8 ގަޑީރެއްހާއިރުން ދަތުރު ކުރެވޭނެއެވެ. އެ ގައުމަށް ދަތުރުކުރާ ފްލައިޓްތަކުގެ ތެރޭގައި ފްލައި ދުބާއީ އާއި ގަތަރު އެއާވޭސް އާއި އެއާ އަރަބިއާ ހިމެނެއެވެ.
ޓިކެޓުގެ އަގު 300 ޑޮލަރާއި 700 ޑޮލަރާއި ދެމެދުގެ އަގެއްގައި ލިބެއެވެ. ނަމަވެސް އެކި ދުވަސްވަރުގެ ގޮތުން ޓިކެޓުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އަޒަރުބައިޖާންގައި ފައިސާގެ ގޮތުގައި ބޭނުން ކުރަމުންދަނީ އަޒަރްބައިޖާނީ މަނަތް އެވެ. ދެން މި ގެނެސްދެނީ އެ ގައުމަށް ދިއުމަށްފަހު ޒިޔާރަތްކޮށްލަން ހިތްގައިމު ތަންތަނުގެ މައުލޫމާތެވެ.
ހިލައިގައި ކަނޑާ ނަގާފައިވާ އެކި ކުރެހުންތައް ބަލާލުމަށް 'ގޮބުސްޓަން ރޮކް އާޓް':
ގޯބުސްތާން ސްޓޭޓް ހިސްޓޯރިކަލް އެންޑް ކަލްޗަރަލް ރިޒާވް އަކީ އަޒަރުބައިޖާންގެ ހިމާޔަތް ކުރެވިފައިވާ ތާރީހީ އަދި ގުދުރަތީ ސަރަހައްދެކެވެ. މިއީ އެ ސަރަހައްދުގެ ތާރީހީ ހިލަ ކުރެހުންތަކާއި، ކިސަޑުގެ އަލިފާން ފަރުބަދަތަކާއި، ގުދުރަތީ މިއުޒިކް ހިލަތައް ހިމާޔަތް ކުރުމަށް އުފައްދާފައިވާ ތަނެކެވެ.
537 ހެކްޓަރުގެ ސަރަހައްދެއްގައި ހިމެނޭ ގޯބުސްޓަން ރޮކް އާޓް ކަލްޗަރަލް ލޭންޑްސްކޭޕް ހިމެނޭ މި ރިޒާވްގައި 6،000 އަށް ވުރެ ގިނަ ހިލަ ކުރެހުންތައް ހިމެނޭއިރު، އިންސާނުންނާއި، ޖަނަވާރުތަކާއި، ހަނގުރާމަތަކާއި، ރިޗުއަލް ޑާންސްތަކާއި، ބުލްފައިޓްތަކާއި، ހަތިޔާރު އެޅި އުޅަނދުފަހަރާއި، ލޮންސި ހިފައިގެން ހަނގުރާމަވެރިންނާއި، ޖަމަލުގެ ކާވަނުތަކާއި، އިރުއާއި ތަރި ފަދަ އުޑުގެ ނިޝާންތައް 5،000 އާއި 20،000 އަހަރާ ދެމެދުގެ ޒަމާންވީ ނިޝާންތައް ހިމެނެއެވެ. މީގެ އިތުރުން ވެސް މި ސަރަހައްދުގައި 2024 ވަނަ އަހަރު ހުޅުވި "މަޑް ވޮލްކަނޯސް ޓޫރިޒަމް ކޮމްޕްލެކްސް" ވެސް ހިމެނެ އެވެ.
އަޒަރުބައިޖާންގެ ނެޝަނަލް ކާޕެޓް މިއުޒިއަމް:
އަޒަރުބައިޖާންގެ ކާޕެޓް މިއުޒިއަމަކީ އެ ގައުމުގެ ކާޕެޓްތަކާއި ރަގްތައް ބަހައްޓާފައި ހުންނަ ދާރުލްއާސާރެކެވެ. އެއީ އަޒަރުބައިޖާންގެ ކާޕެޓްތަކުގެ އެންމެ ބޮޑު ކަލެކްޝަން އެވެ. 1967 ވަނަ އަހަރު ހުޅުވި މި ދާރުލްއާސާރު އެންމެ ފުރަތަމަ ބެހެއްޓީ އިޗެރީ ޝެހެރްގައި ހުންނަ ޖުމާ މިސްކިތުގައެވެ. މި މިސްކިތަކީ 15 ވަނަ ގަރުނުގައި ބިނާކޮށް 19 ވަނަ ގަރުނުގައި އާބާތުރަ ފިލުވާފައިވާ މިސްކިތެކެވެ.
މި މައުރަޒުގެ ފުރަތަމަ އެގްޒިބިޝަން ބާއްވާފައިވަނީ 1972 ވަނަ އަހަރުއެވެ. 1992 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ވެއްޓުނު ފަހުން އެ ދާރުލްއާސާރު މިހާރު ބާކޫ މިއުޒިއަމް ސެންޓަރުގެ ދެވަނަ ފަންގިފިލާއަށް ބަދަލުކުރި އެވެ. މި ކަލެކްޝަން އަށް ނަން ދީފައި ވަނީ ކާޕެޓް ޑިޒައިނަރު ލަތީފް ކަރީމޯވްގެ ޝަރަފުގަ އެވެ.
ޓުފަންޑާގް މައުންޓަން ރިސޯޓް:
އަޒަރުބައިޖާންގެ ގަބާލާގައި ހުންނަ ޓުފަންޑާގް މައުންޓަން ރިސޯޓަކީ ފިނި މޫސުމުގައި ސްކީ ކުރުމާއި ހޫނު މޫސުމުގައި ހައިކިން ފަދަ އައުޓްޑޯ ހަރަކާތްތައް ހިންގާ ޒަމާނީ މަންޒިލެކެވެ. 12 ކިލޯމީޓަރުގެ ސްލޮޕްތަކާއި، ޒަމާނީ ލިފްޓްތަކާއި، ފަސްތަރީގެ ހޮޓަލެއް (ޤަފްޤާޒް ތުފަންދާގް)، ރެސްޓޯރެންޓްތަކާއި، ކޮކަސަސް ފަރުބަދަތަކުގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާނެއެވެ.
ސްނޯ މޭކިން އަދި ބިގިނާ ފްރެންޑްލީ ސްލޮޕްތަކަށް މަޝްހޫރުވެފައިވާ މި ތަނަކީ އާއިލީ މަޖާ އަދި ފަރުބަދަތައް ބަލާލަން ވަރަށް މަގުބޫލު މަންޒިލެކެވެ.
ހައިލޭންޑް ޕާކް:
ހައިލޭންޑް ޕާކް އަކީ އިރުއޮއްސޭ ވަގުތުގައި 'ބަކޫ'ގެ ހިތްގައިމު މަންޒަރުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ހިތްގައިމު ތަނެކެވެ. މި ސަރަހައްދަށް ޒިޔާރަތް ކުރާ މީހުންނަށް އެ ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓްތަކާއި ކިއޮސްކްތަކުން ފަސޭހަކަމާއެކު ތަޖުރިބާ ކޮށްލެވޭނެއެވެ. މި ތަނުން ފެހި ގަސްތަކާއި ހިތްގައިމު މަންޒަރު ތަކަކީ މިފަދަ ދަތުރެއްގައި ތަޖުރިބާ ކޮށްލަން ރަނގަޅު ކަންކަމެވެ.
ކޭންޑީ މައުންޓެން (ފަރުބަދަ)، ޕިންކް ލޭކް:
މިނަރަލްސް އާއި އަލްގީގެ ސަބަބުން އުފެދޭ ރީތި އަދި ކުލަގަދަ ލޭންޑްސްކޭޕްތަކުގެ ސަބަބުން އުފެދިފައިވާ ކޭންޑީ މައުންޓެން އާއި ޕިންކް ލޭކުތަކަކީ އެ ތަންތަން މަޝްހޫރުވެފައި ވާއިރު، ގުދުރަތީ އަޖައިބުތައް ގުޅުވައިދޭ ގައިޑެޑް ޑޭ ޓުއާތަކުގައި މަގުބޫލުކަމުން ފުރިގެންވާ ހިތްގައިމު މި ތަނަކީ ވެސް ޒިޔާރަތް ކޮށްލަން ހިތްގައިމު ތަނެކެވެ.
މީގެ އިތުރުން ވެސް އަޒަރުބައިޖާންގައި ޒިޔާރަތްކޮށްލަން ހިތްގައިމު އަދި އެހާ ޗާލު ތަންތަން ވެއެވެ. އެހެންކަމުން މިފަދަ ރީތި ގައުމެއް ބަލާލާ ރައްޓެހިން ނުވަތަ އާއިލާއާއެކު މަޖާކުރަން ދަތުރެއް ރޭވުމަކީ ރަނގަޅު ނިންމުމަކަށްވާނެކަން ޔަގީނެވެ.
