ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު ވަކި ކުރުމާ ގުޅިގެން އެ ކުންފުނި ހިންގުމުގެ މަސައްކަތް ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލު ކޮށްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ޝަމާހު ކުއްލި ގޮތަކަށް މިއަދު އެމގާމުން ވަކިކޮށްފައިވާ އިރު، އޭނާ ވަކި ކުރީ ކޮން ސަބަބަކާ ގުޅިގެން ކަން އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޝަމާހް އެމަގާމުން ވަކިކުރި އިރު އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑީއޯއެއް އަންނަނީ ވައިރަލް ވަމުންނެވެ.
އެ އޯޑިއޯގައި ޝަމާހު ކަމަށް ބުނާ މީހާ ބުނެފައި ވަނީ، އޭނާ ސްޓެލްކޯގައި ހިންގާ ކުޅިވަރު އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށެވެ. މި އޯޑިއޯގައި އަޒްހަދު ކަމަށް ބުނާ ފަރާތަކީ ސްޓެލްކޯގެ ޕްރޮކިއުމަންޓު ހެޑްގެ މަގާމު ފުރުއްވި ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒެވެ. ޝަމާހް މަގާމުން ވަކި ކުރި އިރު އަޒްހަދު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
ޝަމާހް މިއަދު ސްޓެލްކޯ އެމްޑީގެމަގާމުން ވަކި ކުރުމުން އެ ކުންފުނި ހިންގުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން އަޒްވަރާ ހަވާލުކޮށްފައެވެ، ޑީއެމްޑީގެ މަގާމުގައި ހުރި އަޒްވަރު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރުގައެވެ. އޭނާ ވަނީ ސްޓެލްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމާއި ކަސްޓަމާ ސާވިސަސް އާއި ބިޒްނަސް ޑިވެލޮޕްމަންޓުގެ އިސްވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވާފައެވެ.
