އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައި ވަނީ، 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައެވެ.

މިފަދަ ބިލެއް ފާސްކުރުމުގެ މަގްސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން ފަނޑިޔާރުން، ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެއެވެ.

މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ.

މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެއެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.