ބޭހުގެ މައްސަލަ ހައްލު ކުރުމަށް އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ބެހުގެ ބާވަތްތައް 800 އާއި 900 އާ ދެމެދުގެ އަދަދަކަށް އިތުރުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރަްީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ބޭސް ލިބުން ދަތިވާ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ބޭހުގެ މައްސަލަ ހައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓއާއި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވެގެން ދާނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭހުގެ ސަޕްލައި ހަރުދަނާކޮށްފައިވާ ކަން ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، ބޭސް އެެތެކުރާ މިންވަރު އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން އެތެރެ ކުރަމުން ދިޔައީ 200 އެއްހާ ބޭސް ކަމަށާއި މިހާރު 800 އާއި 900 ދެމެދުގެ ބޭސް އެތެރެކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އުސޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާ ކަމަށާއި މީގެ ސަބަބުން ޓްރީޓްމަންޓު ދިނުމުގައި ޑޮކްޓަރުންނާއި އަދި ފަރުވާ ދޭ ފަރާއްތަކަށް ބޭނުންކުރާނެ ބޭސްތައް އެންމެ އެކަށޭނެ ގޮތެއްގައި ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަން ވެސް މިނިސްތަރު ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައްވެސް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ. ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް މިކަން ހައްލު ކުރުން ކަމަށާއި ގަވަނަންސް ނިޒާމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތާއި ބޭސް ސަޕްލައި ކުރުމުގައި ކުރަންޖެހޭ ކަންކަމާއި އާސަންދަ ޒާމުގައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ.