ބ. ދޮންފަނުގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537.6 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރެވޭނެއެވެ.
މިއީ ދޮންފަނުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ.
މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. 2028 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
