ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މަނާކުރި އެންގުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.
ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން އަންނަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.
އަދި އިއްޔެ އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން ވަކި ގޮތެއް އެ ކައުންސިލުން އަންގަންދެން އިއްޔެއިން ފެށިގެން ދޮންފަނު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވް ކުރުން މަނާކޮށްފައެވެ.
އެކަމާ ގުޅިގެން އެލްޖީއޭއީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްގެ އިހުތިސާސް ބޭނުން ކުރުމާ ގުޅޭ ގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން ދޮންފަނުގެ ފަރުގައި ފީނުމާއި، ޑައިވްކުރުން މަނާކޮށް އެ ރަށު ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި އެ ނިންމުން ނިންމުމުގެ ބާރު ކައުންސިލަށް ލިބިފައިނުވާތީ އެ އެންގުން ބާތިލްކުރަން ވެސް އެލްޖީއޭއިން ވަނީ އެ ރަށު ކައުންސިލަށް އަންގާފައެވެ.
އެލްޖީއޭއިން މިފަދަ އެންގުމެއް އަންގާފައިވާއިރު ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ބ. ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ބުނެފައެވެ.
އަދި އެ ސަރަހައްދު އެގޮތަށް ބަންދުކުރުމާއި ބިން ހިއްކުމުގެ ހަރަކާތްތައް ހިންގުމުގެ ސަބަބުން ހަލާކުވާ ކަނޑުގެ ދިރުންތަކަކީ އަނބުރާ އިޔާދަވާނެ ދިރުންތަކެއް ނޫން ކަމަށް ވެސް ބަޔާނުގައި އެ ޖަމިއްޔާ އިން ބުންޏެވެ.
މިދިޔަ އޮގަސްޓުމަހު ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދޮންފަނަށް ވަޑައިގެން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ވަނީ ފައްޓަވާދެއްވާފައެވެ. އެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އޭރުވެސް ގިނަބަޔަކު ފާޅުކުރިއެވެ.
ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.