ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާގެ ތެރެއިން ދާއިމާ ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދިވެރިކޮށް ދާއިމީ ކޯޓާ (ޕާމަނަންޓް ކޯޓާ) އަދި ޕްރޮޖެކްޓް ކޯޓާ ދޫކުރަމުން އަންނަ އިރު ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވޯކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިގްރާރު ހުށަހެޅުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ފޯމު އަދި އިގްރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ވޯކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން މިނިސްޓްރީން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތުގައި، ސައިޓް ރަޖިސްޓްރީ ކުރަނީ ކުއްޔަށް ހިފާ ތަނެއްގައި ކަމުގައި ވަނީ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ލިބޭ ގޮތަށް ބަދަލުގެނައި އުސޫލުގައި ހިމެނެއެވެ.
ހަމައެއާއެކު މިހާރު ދާއިމީ ކޯޓާ ދޫކޮށް ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މައުލޫމާތު އަދާހަމަކުރުމުގެ ގޮތުން، އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިގްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ" ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕާމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހެޅުމަށް ހުރިހާ ވަޒީފާދޭ ފަރާތްތަކަށް އަންގާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
