މީޑިއާތަކަށް ދޭ މާލީ އެހީގެ އެންމެ ފަހު މަރުހަލާ ފުރިހަމަ ކުރި 39 މީޑިއާއަށް ދޭ އެހީގެ އަދަދު ހާމަކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގްރާންޓަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކޮށްފައިވަނީ 39 މީޑިއާއަކުން ކަމަށެވެ.
އެމްއެމްބީސީން ބުނީ މި 39 މީޑިއާއަށް މާލީ އެހީގެ ގޮތުގައި ލިބޭ އަދަދު ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި، މި މައުލޫމާތު މިހާރު ޔޫތު މިނިސްޓްރީއާ ހިއްސާކުރެވިފައިވާކަމަށެވެ. އަދި މާލީ އެހީގެ ފަހު މަރުހަލާ ފުރިހަމަކޮށްފައިނުވާ 2 މީޑިއާއަށް މި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޔޫތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށެވެ. މީގެއިތުރުން މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވާއިރު، މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ އެކަމަށް އޮންލައިން ޕޯޓަލްއެއްގެ ތެރެއިންނެވެ.
މާލީ އެހީ ލިބޭ، ޝަރުތުތައް ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު 1 ޕޭމަންޓެއްގެ ގޮތުގައި ލިބޭނެކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ.
