މީޑިއާތަކަށް ދޭ މާލީ އެހީއަށް 41 މީޑިއާއެއް ޝަރުތު ހަމަވެއްޖެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީއެހީތެރިކަމަށް ޖުމްލަ 57 މީޑިއާއަކުން ''ޕްރޮފައިލް'' ކްރިއޭޓްކޮށްފައިވާކަމަށާއި، މީގެ ތެރެއިން ޝަރުތު ފުރިހަމަވީ 41 މީޑިއާއެއެއް ކަމަށެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ކަމަށްވާއިރު، މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އިތުރަށް ބުނީ މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވާކަމަށާއި، މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ އެކަމަށް އޮންލައިން ޕޯޓަލްއެއްގެ ތެރެއިން ކަމަށެވެ.

އަދި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިހަމަވުމާއެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް 8 ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އޭގެތެރެއިން 3 ފަރާތެއްގެ ޝަކުވާ ވަނީ ބަލައިގަނެފައިކަމަށެވެ. މީޑިއާތަކަށް މާލީއެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސްދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓްގެ ބާވަތަށާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި އިދާރީ އިންތިޒާމުތަކަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާހަގަ ކުރެވޭ ގޮތުގައި މީޑިއާތަކަށްދޭ މާލީ އެހީ ދޫކުރާނީ ޔޫތް މިނިސްޓްރީއާއި ބްރޯޑްކާސްޓިން ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ފަދައިން، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން އެ މިނިސްޓްރީން، ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުންނެވެ.

މީގެއިތުރުން މާލީ އެހީ ލިބޭ، ޝަރުތުތައް ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު 1 ޕޭމަންޓެއްގެ ގޮތުގައި ލިބޭނެކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.