އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެނޭތޯ އެއްވެސް ދިރާސާއެއްކޮށްފައިނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މިފަދަ ދިރާސާއެއް އެޗްއާރްސީއެމް އިން ކޮށްފައިވާކަމަށް ބުނެ އެ ކޮމިޝަނާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތަކައް ރައްދުދެމުން ނެރުނު ބަޔާނެއްގައި އެ ކޮމިޝަނުން ބުނީ މިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައިއޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައެއް ނުވާނެ ކަމަށެވެ.

މީގެއިތުރުން އެ ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަދި ގާނޫނުތަކާއި، ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތީންކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން ބުނީ ޣައިރު ދީނެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައިވެސް ނުވާނެ ކަމަށާއި، ކޮމިޝަންގެ މަސައްކަތް އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތަށް އަބަދުވެސް ކުރަމުން ގެންދާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އިތުރަށް އެޗްއާރްސީއެމް އިން ވަނީ ދޮގު މައުލޫމާތު ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.