އައްޑޫ ސިޓީ މަރަދޫގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައިކަމަށާއި، އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ހަތީބު އުވައިސް ބިން އިނާޒުކަމަށެވެ.

މިމިސްކިތަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެއްކަމަށާއި، 3 ފުލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އައްޑޫ ސިޓީ މަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް މިއަދު ވަނީ ހުޅުވާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތުގައި މި މިސްކިތް ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ކަމަށެވެ.

ސަރުކާރުގެ ހަރަދުގައި އިމާރާތްކުރެވުނު މި މިސްކިތަކީ 500 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މަސްޖިދުއްރަޔާން ނަމަކަށް ކިޔުނު މި މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ހުތުބާ ދެއްވާފައިވަނީވެސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލްއެވެ.