ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް (27.9 މިލިއަން ރުފިޔާ)، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސް މިއަދު ގެޒެޓްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ނެރުނު ބަޔާނެއްގައި ބުނީ ޕަބްލިކް ސާވިސް މީޑިއާ ފިޔަވައި އަމިއްލަ މީޑިއާތަކަށް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާންކޮށް އާންމު ކުރި މި އުސޫލު މީޑިއާތަކަށް "2025 ވަަނަ އަހަރު މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު"ގެ ދަށުން ފައިސާ މި އަހަރު ދޫކުރަނީ 1 ޕޭމަންޓްގެ ގޮތުގައި ކަމަށެވެ.
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބޭ މީޑިއާތަށް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ އެންމެ މުހިންމު މައިގަނޑު އެއް މިންގަޑަކީ 2024 ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މީޑިއާއެއް ކަމުގައިވުމާއި ބްރޯޑްކާސްޓް މީޑިއާއެއް ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށްވުމެވެ.
މާލީ އެހީތެރިކަން ލިބޭ މީޑިއާތައް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ އިތުރު މިންގަނޑުތަކަކީ އެ މީޑިއާއެއް ނުވަތަ މީޑިއާ ހައުސްއެއްގައި މަސަައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދަށާއި ހުށަހަޅާ ބިޒްނަސް ޕްލޭނަށާއި އަދި ކޮންޓެންޓާއި ބާވަތަށް ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މީޑިއާގެ މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމްތަކަށްވެސް މާކްސް ދެވިގެންދާނެ ކަމަށް މި އުސޫލުގައިވެއެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބްރޯޑްކާސްޓް މީޑިއަތަކާއި އޮންލައިން އަދި ޕްރިންޓް މީޑިއާ ނުވަތަ ނޫސް މަޖައްލާ ހިންގާ ފަރާތްތަކުން އެއް މީޑިއާއަށްވުރެ ގިނަ މީޑިއާ ހިންގާނަމަ ކޮންމެ މީޑިއާއަކުން އިތުރު އެއް މީޑިއަމް ހިމަނައިގެން ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ. އަދި މިކަމާ ގުޅޭ މަރުހަލާތައް ކުރިއަށް ގެންދިއުމަށްޓަކައި އެމްއެމްބީސީއިން މިހާރު ވަނީ އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފައެވެ.
އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ޕްރޮޕޯޒލް މީޑިއާތަކުން ހުށަހަޅަމުންދާ ވަރަކަށް އެ ފަރާތްތަކަށް ލިބޭ ވަގުތީ މާކްސް ފެނިގެންދާނެ ކަމަށް އެމްއެމްބީސީއިން ބުނެފައިވެއެވެ. އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލް، ޕޯޓަލްގެ ތެރެއިން އިވެލުއޭޓްކޮށް ނިންމާ ފަހުން، ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތުވެސް އެ ފަރާތަކަށް ލިބިގެންދާނެކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެ މީޑިއާއަކަށް ލިބޭ ޖުމްލަ މާކުހާއި ލިބޭ ޖުމްލަ ފައިސާގެ އަދަދު އާންމުކޮށް ފެންނަން ހުރުމާއެކު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅި ޕްރޮޕޯޒަލް އިވެލިއޭޓްކޮށް ނިމޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި އެ މީޑިއާތަކަށް ފައިސާ ދޫކުރުމަށްޓަކައި ޔޫތު މިނިސްޓްރީއަށް ފޮނުވޭނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭއިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިަން ރުފިޔާ ބެހިގެންދާ ގޮތުގެ ފޯމިއުލާ ވެސް އުސޫލުގައި ބުނެދީފައިވެއެވެ.
އެމްއެމްބީސީއިން ބުނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
