ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެއެވެ.
ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ދަރިވަރުންނަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ މި ލިބުނީ ހަތަރު އަހަރަށް ފަހުއެވެ.
ކޮވިޑް 19 އާއި ގުޅިގެން ބޮޑު ޗުއްޓީ ޖޫން ޖުލައި އަށް ބަދަލުކޮށްފައިވާއިރު، މިކަމާ ގުޅިގެން ބައެއް ބެލެނިވެރިންނާއި ދަރިވަރުންގެ ބޮޑެތި ޝަކުވާތައް ކުރިމަތިވިއެވެ.
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުކަމަށާވާއިރު، މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ. އަދި އެކަޑަމިކް ކަލަންޑަރުގައި ވާ ގޮތުން އާ ދިރާސީ އަހަރުގެ ކިޔެވުން ދެން ފެށޭނީ ޖެނުއަރީ 27ގައެވެ.
މީގެއިތުރުން އަންނަ އަހަރު ފުރަތަމަ ޓާމުގެ މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 އަށްކަމަށްވާއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓު 1 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ، އަންނަ އަހަރުގެ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ.
