ގަވާއިދާ އެއްގޮތަށް ދިވެހިރާއްޖޭގައި އުޅޭ ވަޒީފާއެއް ނެތް ބިދޭސީންނަށް ވަޒީފާ ހޯދައި ދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހޯމް މިނިސްޓްރީއިން ނިންމައިފިއެވެ.

ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން "ލީގަލައިޒް" ވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ "ޖޮބް މެޗިން" މަސައްކަތްތައް ކުރުމަށް ހޯމް މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހޯމް މިނިސްޓްރީއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީއިން އެކުލަވާލާ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް މިނިސްޓްރީއިން ހަމަޖެހިގެންދާނެ ކަމަށެވެ.

މާސް ލީގަލައިޒޭޝަން ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭ ބިދޭސީންގެ ޝަރުތުތައް:

  • ވޯކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން
  • އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން
  • ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން
  • ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވުން
  • ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން
  • އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން
  • މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން