ވައްކަން ކުރިކަމަށް ތުހުމަތުކުރުވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިލްތިމާސްކުރަމެވެ.

ވައްކަން ކުރުމުގެ ތުހުމަތު ކުރެވުނު މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެޗްއާރުސީއެމްއިން ވަނީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށް ގޮވާލާފައެެވެ.

އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަވެ.

މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑި، ބަދަލުހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނި، އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެއް ކަމަށް ވެެސް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމްއިން ވަނީ މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް އެދިފައެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.