ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ އެންމެ ބިނާކުރަނިވި ގޮތުގައި ގައުމު ތަރައްގީކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ރައީސް ޑރ. މުހައްމަދު މުިއއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތު މިނިސްޓްރީ ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަމަށާއި، މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށެވެ.
ރައީސް ވިދާޅުވީ ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށާއި ނަމަވެސް ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަމަށެވެ. އެހެންކަމުން އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިމާވި އެކިއެކި ގޮންޖެހުންތަކާއެކުގައިވެސް އެ ބޯޑުން ހުއްޓުމެއްބެތި މަސައްކަތްކުރަމުން ގެންދާކަމަށެވެ.
ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތައް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ ސްކޫލް ސިސްޓަމްގެ ތެރެއިން ގެނެވޭނެ އެކިއެކި ހައްލުތަކާއި ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށްވެސް މަސައްކަތްކުރައްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ޒުވާނުން ކުރިއަރައިދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުން ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން، ރަށާއި ރިސޯޓުތަކާއި ކައިރިން ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް އިސްކަންދެއްވަމުން ގެންދަވާ ކަމަށެވެ.
ފާހަގަކުރެވޭގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން 800 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް އެކި ރަށްރަށުގައި ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައިވެސް ޒުވާނުންނަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި އިންސައްތައެއް ހާއްސަ ކުރެވޭނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
